ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެލައިޑް އިންޝުއުރެންސް ނެޝަނަލް ވޮލީ ލީގު އަންނަ މަހު އެއްވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާއިރު މުބާރާތުގެ ގަވާއިދަށް މުހިންމު ބަދަލެއް ގެނެސްފިއެވެ.
ވީއޭއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ފެނިގެންދާނެ އެންމެ ބޮޑު ބަދަލަކީ ބޭރުގެ ދެ ކުޅުންތެރިން ޓީމްގައި ހިމަނާއިރު ސެންޓްރަލް ޒޯންގެ ކުޅުންތެރިއަކަށް ވާން ނުޖުހޭނެ ކަމަށާއި އޭގެ ބަދަލުގައި ދުނިޔޭގެ ކޮންމެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއަކަށް ވީ ނަމަވެސް މުބާރާތުގައު ކުޅެވޭނެ ކަމަށެވެ.
"މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާފަ މިގޮތަށް މި ނިންމީ. ސެންޓްރަލް ޒޯނުގެ ކުޅުންތެރިއަކާ އެހެން ޒޯނަކުން ބޭރު ކުޅުންތެރިއެއް ހިމެނި ނަމަވެސް އޭގެ ފައިދާ އެއް ނުކުރޭ. ގިނަ ޓީމުތަކަށް ސެންޓަރަލް ޒޯންތަކުން ކުޅުންތެރިން ހޯދުމަކީ އުނދަގޫ ކަމެއް،" ލަތީފު ވިދާޅުވިއެވެ.
ލަތީފު ވިދާޅުވީ ސެންޓަރަލް ޒޯންގެ ގައުމު ތަކުން ފަސޭހައިން ލިބެނީ ފެންވަރު ދަށް ކުޅުންތެރިން ކަމަށާއި އެހެންނަމަވެސް ބޭރުގެ ދެ ކުޅުންތެރިން ހިމެނުމުގެ ގޮތުން ފެންވަރުދަށް ކުޅުންތެރިއާ ވެސް ޓީމްތަކުން ގެންނަ ކަމަށެވެ.
ލަތީފު ވިދާޅުވީ ވީއޭއެމްގެ އެކްސްކޯއިން އެ ބަދަލު ގެނައުމަށް ނިންމީ ދިވެހި ކުޅުންތެރިންނަށް ވާދަވެރި މޮޅެތި ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކަމަށާއި ސެންޓްރަލް ޒޯން ދޫކޮށް ވޮލީގެ ވަރުގަދަ ކުޅުންތެރިން ޓީމްތަކަށް ގެނައުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ.
ލަތީފު ވިދާޅުވީ ފިރިހެން ޑިވިޝަންއާ އެއްގޮތަށް މިފަހަރު އަލަށް ފަށާ އަންހެން ޑިވިޝަނުގައި އެ ގަވާއިދާ އެއްގޮތަށް ބޭރުގެ ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ގައުމީ އަންހެން ވޮލީބޯޅަ ލީގުގައި އަށް ޓީމު ވާދަކުރާއިރު ގައުމީ މުބާރާތަށް ހޮވޭނީ އޭގެ ތެރެއިން ހަތަރު ޓީމެވެ. ގައުމީ މުބާރާތް ކުޅޭނީ ތިން ސެމީގެ އުސޫލުންނެވެ. ގައުމީ ފިރިހެން ލީގުގައި ހަ ޓީމު ވާދަކުރާ އިރު ގައުމީ މުބާރާތަށް ހޮވޭނީ ހަތަރު ޓީމެވެ.