ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އަފްގާނިސްތާނާއި ޕާކިސްތާނުން 100 އަށް ވުރެ ގިނަ މަރު

ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އަފްގާނިސްތާނާއި ޕާކިސްތާނުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވޭ -- ފޮޓޯ: އޭއެފްޕީ

ކާބުލް (ފެބްރުއަރީ 6): އަފްގާނިސްތާނަށާއި ޕާކިސްތާނަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ދެ ގައުމުން 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އަފްގާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ކައިރީ އޮންނަ ނުރިސްތާނަށް ފަރުބަދަމަތިން ސްނޯ ފޭބުމުގެ ސަބަބުން 45 މީހަކު މަރުވެފައިވާ އިރު ޕާކިސްތާނުގެ ޗިތްރާލްގައި ހިނގި އެފަދަ ހާދިސާއެއްގައި 13 މީހަކު މަރުވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މީގެ އިތުރުން ފަރުބަދަމަތިން ސްނޯ ފޭބުމުގެ ސަބަބުން އަފްގާނިސްތާނުގެ ގާތްގަނޑަކަށް 168ގެ ސުންނާފަތިވެ ބައެއް މީހުން ކާރުގައި ތާށިވެ، ފިނިގަދަވެގެން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެހެންކަމުން އެފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ބުންޏެވެ.

"ފަރުބަދަމަތިން ސްނޯ ފޭބުމުގެ ސަބަބުން ދެ އަވަށެއް ވަނީ ސްނޯގެ ދަށުގައި ވަޅުލެވިފައި،" އަފްގާނިސްތާނުގެ ގުދުރަތީ ކާރިސާތަކާ ބެހޭ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި އެވެ.

އަދި ސްނޯގެ ސަބަބުން ގިނަ މަގުތައް ބަންދުތައް ވެފައިވުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. (ބީބީސީ)

comment ކޮމެންޓް