ބުރޫނާއީގައި މިއަދު ފެށި ސުކޫކް މޮޑެލް ޕްރޮޖެކްޓްގެ ރީޖަނަލް ކޮންސަލްޓޭޝާން ބައްދަލުވުމުގައި ރާއްޖޭގެ، ސެންޓާރ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ބައިވެރިވެއްޖެއެވެ.
މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ބުރޫނާއީގައި ކުރިއަށްގެންދާ އެ ބައްދަލުވުމަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި އިސްލާމިކް ޓްރެއިނިން އެންޑް ރިސާޗް އިންސްޓިޓިއުޓް އަދި ބުރޫނާއީ މަނިޓަރީ އޮތޯރިޓީ އާ ގުޅިގެން ބައްދަލުވުމެކެވެ.
ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ އެ ބައްދަލުވުމުގައި ސުކޫކް އާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކާއި އަދި ސުކޫކް އިޝޫ ކުރުމުގައި އެކި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ މެދުގައި ވާހަކަ ދެކެވޭނެއެވެ.
އެމްސީއައިއެފްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެ ސެންޓަރުގެ ޗެއާޕާސަން ޑރ. އާއިޝަތު މުނީޒާ ވިދާޅުވީ، ސުކޫކް އިޝޫ ކުރުމުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓްރަސްޓް ލޯ އެއް ނެތުމާއި ސްޕެޝަލް ޕާޕަސް ވެހިކަލް (އެސްޕީވީ) ހަދާނެ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ.
އަދި ބައްދަލުވުމުގައި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ސުކޫކް އިން އެހެން ގައުމުތަކުން ދަސްކުރެވޭނެ ފިލާވަޅު ތަކުގެ މައްޗަށް މުނީޒާ ވާހަކަފުޅުދައްކަވާނެއެވެ.
މުނީޒާގެ އިތުރުން ދެ އެ ބައްދަލުވުމުގައި އެމްސީއައިއެފްގެ ފަރާތުން ދެން ބައިވެރިވެވަޑައިގަންނަވަނީ އެ ސެންޓަރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ އެވެ.
ބުރޫނާއީގައި މިހާރު ކުރިއަށްދާ ސުކޫކްއާ ގުޅޭ ބައްދަލުވުމުގައި އެމްސީއައިއެފްގެ އިތުރުން ރާއްޖޭގެ ފިނޭންސް މިނިސްޓްރީ އާއި ސީއެމްޑީއޭ، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ހަޒާނާ މޯލްޑިވްސްގެ ފަރާތުން މަންދޫބުން ބައިވެރިވެއެވެ.
ސުކޫކަކީ އަރަބި ބަހުން ސެޓްފިކެޓަށް ކިޔާ ނަމެކެވެ. މިޒަމާނުގައި ސްކޫކް ބޭނުން ކުރެވެނީ އިސްލާމިކް ފައިނޭންޝަލް އިންސްޓްރޫމަންޓެއް ނުވަތަ މާލީ ކަރުދާހެއް ނުވަތަ ބޮންޑެއްގެ ގޮތުގައެވެ.
ސުކޫކްއަކީ ކަނޑައެޅިފައިވާ ވަކި މުދަލެއްގެ ގަނެވިއްކައިގެން ލިބޭ އާމްދަނީގައި ނުވަތަ މުދަލެއް ކުއްޔަށް ދިނުމުން ލިބޭ ކުލީގައި ނުވަތަ ކަނޑައެޅޭ މަޝްރޫއެއްގައި ހިއްސާވުމުން ލިބޭ ޕްރޮފިޓް ނުވަތަ އާމްދަނީގައި ސުކޫކް ދޫކުރެވޭ މުއްދަތުގައި، ސުކޫކް ހޯލްޑަރުންގެ ބައިވެރިވުންވާކަން އަންގައިދޭކަން ހާމަކޮށްދޭ ލިޔުމެއް ނުވަތަ ސެޓްފިކެޓެކެވެ.
ރާއްޖެއަކީ، ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ފުރަތަމަ އިސްލާމިކް ޓްރެޜަރީ އިންސްޓްރުމަންޓެއް ތައާރަފް ކުރި ގައުމެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯޕަރޭޓް ސުކޫކް އެއް އިޝޫ ކުރީ 2013 ވަނަ އަހަރު އެޗްޑީއެފްސީ އިން އެ ކުންފުނީގެ އިސްލާމިކް ވިންޑޯ އެޗްޑީއެފްސީ އަމްނާ އަށް ފައިސާ ހޯދުމަށެވެ.
އަދި ހަމަ އެ އަހަރު ޕްރައިވެޓް ސީނިއަރ ސުކޫކް އަކާއި އިސްލާމިކް ޓްރެޜަރީ ބިލް ވެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ތައާރަފް ކުރެވުނެވެ.
އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ ނާރެހަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ސަރުކާރުން ވަނީ ދެ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ. އެއީ މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސާއި ޚަޒާނާ މޯލްޑިވްސްއެވެ.