މުސްތަފާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޓެރަރިޒަމްގެ ތުހުމަތުކޮށް ބަޔާން ނަގައިފިއެވެ.

މައްސަލައިގެ ބަޔާން ދިނުމަށް ފަހު ފުލުސް އޮފީހު ބޭރުގައި ހުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވައި ވަހަކަ ދައްކަވަމުން މުސްތަފާގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ މީގެ ކުރިން މުސްތަފާގެ މައްޗަށް ކުރީ ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ވާހަކަތައް ދެއްކި ކަމުގެ ތުހުމަތު ކަމަށެވެ.

އެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ލަފާދީގެން މުސްތަފާގެ މައްޗަށް ކުރާ ތުހުމަތު ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތަށް ބަދަލުކޮށްފައިވާ ކަމަށާއި ފުލުހުންގެ މަސައްކަތަށް އެއްބާރުލުންދީ މުސްތަފާ ބަޔާން ދެއްވި ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މުސްތަފާ ދެއްކެވި އެއްވެސް ވާހަކައަކީ ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން ހިތްވަރު ލިބޭ ވާހަކައެއް ނޫންކަމަށް ބަޔާނުގައި ބުނެފައިވާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

comment ކޮމެންޓް