ވަކީލު ސިރާޖާއި މަހްފޫޒްގެ ފޯނު ހިފަހައްޓައިފި

ގާނޫނީ ވަކީލް މޫސާ ސިރާޖް(ކ) އާއި މަހުފޫޒު ސައީދު-- ސަން ފޮޓޯ

ގާނޫނީ ވަކީލު މޫސާ ސިރާޖާއި މަހުފޫޒު ސައީދުގެ ފޯނު ފުލުހުން ރޭ ހިފަހައްޓައިފި އެވެ.

ގާނޫނީ ވަކީލް ހިސާން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިރާޖާއި މަހްފޫޒުގެ ފޯނު ހިފަހައްޓާފައި ވަނީ ރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރުކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ ވަކީލުންގެ ގޮތުގައި ފުލުހުންގެ އިދާރާގައި ތިއްބަވަނިކޮށް ކަމަށެވެ.

ސިރާޖާއި މަހްފޫޒު ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެ ދެ ވަކީލުންގެ ފޯން ހިފެހެއްޓި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ސިރާޖާއި މަހުފޫޒުގެ ފޯނު ކުއްލި ގޮތަކަށް ހިފަހައްޓާފައިވާ އިރު، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ ބުދަ ދުވަހު ސަސްޕެންޑު ކޮށްފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ނިންމި ނިންމުންތަކަށް ވަކިވަކިން ވޯޓަށް އަހައިފަ އެވެ. އެ ޖަލްސާގައި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަކަށް އިތުރު ކުރުމަށް، ސަރުކާރަށް ތާއިދުކުރާ 38 މެންބަރެއްގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ. އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ.

comment ކޮމެންޓް