ފާތިމަތު ހިލްމީގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ފާތިމަތު ހިލްމީ

ސަރުކާރަށް ދިގުމުއްދަތަކަށް ހިދުމަތްކުރެއްވި މ. ފާހި، ފާތިމަތު ހިލްމީ އަވަހާރަވުމާ ގުޅިގެން އެކަމަނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ތައުޒިޔާ ފޮނުއްވައިފިއެވެ.

ފާތިމަތު ޙިލްމީ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޭގެ ވަގުތެއްގައި ކޮލަމްބޯގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 76 އަހަރެވެ.

ފާތިމަތު ޙިލްމީއަކީ 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ އަދި ދެވަނަ ޕެންޝަން ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 8 ސެޕްޓެމްބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއެވެ. އޭގެފަހުން، ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލުގެ ޓީޗަރުކަމާއި، އެ ސްކޫލުގެ ނާޒިރާކަމާއި އިސްކަންދަރު ސްކޫލުގެ ސްޕަވައިޒަރުކަން ކުރައްވާފައިވެއެވެ.

އަލްމަރުޙޫމާ ފާތިމަތު ޙިލްމީއަކީ، ސަރުކާރުގެ ތަފާތު ދާއިރާތަކުގައިވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ވަކީލު ކަމުގެ މަގާމާއި، ޕޯސްޓާބެހޭ ބައިގެ ޑެޕިޔުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ޑެޕިޔުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ ކޯޑިނޭޓަރުކަން ކުރައްވާފައިވެއެވެ. 17 ޖެނުއަރީ 2008 ގައި ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ޤައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.

ފާޠިމަތު ހިލްމީއަކީ، ކުޑަކުދިން ކިޔާހިތްވާކަހަލަ ފޮތް ސަރުކާރުން ގަބޫލުކުރައްވާ ފެންވަރަކަށް ދިވެހިބަހުން އެކުލަވައިލައްވައިގެން ސަރުކާރުން ދެއްވާ ޚާއްޞަ އިނާމުވެސް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ.

ފާތުމަތު ހިލްމީއަށް ބޮޑުދައިތަ ވިދާޅުވާ ގ.ޑޭޒީމާގޭ މުޙައްމަދު ހިލްމީއާ ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހަވީރު ފޯނުން ގުޅުއްވައިފައެވެ. ރައީސްް ވިދާޅުވީ ފާތިމަތު ހިިލްމީ އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާއެކުގައި ކަމަށާއޮ އާއިލާއަށް ލިބުނު ހިތަމާގައިގައި ބައިވެރިވެ ވަޑައިގެން ތައުޒިޔާ ވިދާޅުވާކަމަށެވެ.

comment ކޮމެންޓް