ސްކޮޓްލޭންޑުގެ ސެލްޓިކުގެ ކުރީގެ ކެޕްޓަން އަދި މެނޭޖަރު ބިލީ މެކްނީލް ރޭގެ ވަގުތެއްގައި މަރުވެފައި ވާ ކަމަށް އެ ކުލަބުން އިއުލާން ކޮށްފިއެވެ.
އުމުރުން 79 އަހަރުގެ މެކްނީލް މަރުވެފައި ވަނީ އޭނަ ދިރިއުޅެމުންދިޔަ ގޭގައި ކަމަށާއި އެ ވަގުތު އޭނަގެ އާއިލާގެ މެންބަރުން ކައިރީގައި ތިބި ކަމަށް ސެލްޓިކްއިން ވަނީ ބުނެފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެ ޓީމަށް ކެޕްޓަންކަން ކޮށްދިން މެކްނީލް ބޮޑަށް މަޝްހޫރުވެފައި ވަނީ 1967 ވަނަ އަހަރު ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫރަޕިއަން ކަޕު ސެލްޓިކުން އުފުލާލި އިރު އެ ޓީމުގެ ކެޕްޓަންގެ ގޮތުގައި ހުރުމުންނެވެ. ޕޯޓުގަލްގެ ލިސްބަން ލަޔަންއާ ދެކޮޅަށް ކުޅުނު އެ މެޗުން ހޯދި ކާމިޔާބީއާ އެކު އޭނާ ވެގެން ގޮސްފައި ވަނީ އެ މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ސްކޮޓިޝް ކުޅުންތެރިޔާއަށެވެ.
އޭނާ ވަނީ ސެލްޓިކްއާ އެކު ނުވަ ފަހަރެއްގެ މަތިން އެ ގަައުމުގެ ލީގު ތަށި ހޯދާފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށްފަހު މެނޭޖްމެންޓަށް އޭނާ ނުކުތީ 1978 ވަނަ އަހަރުއެވެ. ޕާކް ހެޑްގެ ޓީމުގެ މެނޭޖަރުކަމާ އޭނާ ފުރަތަމައިން ހަވާލުވި އިރު ފަސް އަހަރުގެ ތެރޭގައި އޭނާ ވަނީ ތިން ފަހަރަކު ޓޮޕް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.
އެއަށް ފަހު މެކްނީލް ބަދަލުވީ މެންޗެސްޓާ ސިޓީއަށެވެ. ސިޓީގައި ތިން އަހަރު ވަންދެން ކޯޗުކަން ކަން ކޮށްދިނުމަށް ފަހު އެނބުރި ސެލްޓިކްއަށް ގޮސް ފުރަތަމަ އަހަރުގެ ތެރޭގައި އޭނާ ވަނީ ޑޮމެސްޓިކް ދެ މުބާރާތް އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ.
މެކްނީލްގެ ފުޓުބޯޅަ ހަޔާތް ނިމުމަކަށް އައީ އޭނައަށް ދިމާވި ސިއްހީ ހާލަތުގެ ސަބަބުންނެވެ. "ޑިމެންޓިއާ" ނަމަކަށް ކިޔާ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށްވެ އެކަމަށް އޭނާ ފަރުވާ ކުރާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.