ނަސަންދުރާ ހުރި ބިމުގައި ހަދާ ހޮޓަލާއި އެޕާޓްމަންޓްތަކުގެ މަޝްރޫއު ހިންގާ، ޖޭވީ ކުންފުނީގެ ބައެއް ހިއްސާ ސްޕެއިންގެ ބޮޑު ހޮސްޕިޓޭލިޓީ ކުންފުންޏަކުން ގަނެ، އިންވެސްޓްކުރަން ނިންމައިފި އެވެ.
ނަސަންދުރާ ހުރި ބިމުގައި ހޮޓަލާއި އެޕާޓްމަންޓް ހަދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ހަވާލުކުރީ، އެމަނިކުފާނުގެ ޅިޔަނު އެއްލައިދޫ މުހައްމަދު މަނިކުގެ މަސްހަލަތު އޮންނަ، އެންޕީއެޗް އިންވެސްޓްމަންޓާ އެވެ.
އެ ކުންފުނިން އެ މަޝްރޫއު ފެށީ، ލަންކާގެ އެލްއޯއެލްސީ ގްރޫޕްގެ ސަބްސިޑަރީ، "ބްރައުން އިންވެސްޓަމަންޓް ޕީއެލްސީއާ" އާ އެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދައިފަ އެވެ.
ލަންކާގެ ނޫސްތަކުން ބުނީ، އެ ޖޮއިންޓް ވެންޗާގައި ހިމެނޭ ބްރައުން އިންވެސްޓްމަންޓްގެ، ބޮޑުފަރު ބީޗް ރިސޯސްޓްސް ލިމިޓެޑްގެ 33.33 ޕަސެންޓް ހިއްސާ ސްޕެއިންގެ ބާސެލޯ ހޮޓެލް ގްރޫޕަށް 30 މިލިއަން ޑޮލަރަށް ވިއްކާލުމުގެ އެއްބަސްވުމުގައި މި ހަފްތާ ސޮއިކޮށްފައިވާ ކަމަށެވެ.

ބްރައުން އިންވެސްޓަމަންޓް ޕީއެލްސީގެ ހިއްސާ ބާސެލޯ ގުރޫޕަށް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ.
އެ އެއްބަސްވުމުގެ ދަށުން، ބޮޑުފިނޮޅުގައި ހަދާ 100 ކޮޓަރީގެ ރިސޯޓާއި، 60 ކޮޓަރީގެ ބޮޑުފަރު ރިސޯޓާއި ނަސަންދުރާ ހުރި ބިމުގައި ހަދާ 150 ކޮޓަރީގެ ހަތަރު ތަރީގެ ހޮޓާ އަދި މަތީފަންތީގެ 100 އެޕާޓްމަންޓް މެނޭޖް ކުރާނީ ބާސެލޯ ހޮޓެލް ގުރޫޕުން ކަމަށް ވެސް ލަންކާގެ ނޫސްތަކުން ބުންޏެވެ. މީގެ އިތުރުން، ލަންކާގެ ދެ ރިސޯޓެއް ވެސް އޮޕަރޭޓް ކުރާނީ އެ ކުންފުނިންނެވެ.
އެ ކުންފުންޏާ ހަވާލާދީ ނޫސްތަކުން ބުނީ، އެ މަޝްރޫއުތަކުގެ އަގު 150 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.
އެންޕީއެޗުގެ ސަބްސިޑަރީ ކުންފުނިތަކުގެ އިތުރުން އެ މަޝްރޫއުގައި މަނިކުގެ ހިއްސާ އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ އަލްފާ ކިނަމް ހޯލްޑިން ވެސް ބައިވެރިވެ އެވެ.
ނަސަންދުރައަށް އިންވެސްޓްކުރަން ސްޕެއިންގެ ކުންފުންޏަކުން ނިންމިއިރު އެންޕީއެޗްއަށް ނަސަންދުރަ ހުރި ބިން ދިނުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ، އެ މައްސަލަ އޭސީސީއިން ތަހުގީގުކޮށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރަން ވެސް ފޮނުވި އެވެ.
އެ މަޝްރޫއާ ގުޅޭ އޮޑިޓުން ހާމަވެފައިވާ ގޮތުގައި އެ ބިން އެކުންފުންޏާ ހަވާލުކުރީ ބިޑުކުރުމަކާ ނުލައި ޓޫރިޒަމް ގާނުނާވެސް ހިލާފަށެވެ.
މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވަނީ، ނަސަަންދުރަ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމާއެކު ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެހެންވެ އެއްބަސްވުން ބާތިލް ކުރުމާ މެދު އޭޖީގެ ލަފަޔަކަށް އެދިފައިވާނެ ކަމަށެވެ.
ފަންސަވީސް ބުރިއަށް ހަދާ ނަސަންދުރައިގެ ކޮންސްޓަރަކްޝަންގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ، ޗައިނާގެ ޒޮންޝިއާން ކޮންސްޓްރަކްޝަން އެވެ.