ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން ޕޮލިސް ޓްރެއިނިން އެކެޑަމީން ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ތަގުރީރު ކުރައްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ވާނީގައި މިހާރު ކުރިއަށް ގެންދާ ޕޮލިސް އިނީޝަލް ޓްރެއިނިންގެ 33 ވަނަ ބުރުގެ 80 އަށް ވުރެ ގިނަ ބައިވެރިންނާއި ޓްރެއިނިންގެ މުދައްރިބުން ބައިވެރިވެފައެވެ.
ފުލުހުންގެ އެދުމަކަށް، އެ ރަށަށް ވަޑައިގެން އަޝްރަފު ކުރެއްވި ތަގުރީރު އަމާޒު ކުރެއްވީ އެއްބައެއްވަންތަކޮށް ގައުމެއް ދެމެހެއްޓުމަށް ޓަކައި ބޭނުންވާނޭ ހަތަރު އަސާސްގެ މައްޗަށެވެ. އެގޮތުން އެ ގައުމެއްގެ ބަހާއި ސަގާފަތާއި އެ ގައުމެއްގެ ދީނާއި އެ ބައެއްގެ މިނިވަންކަމަށް އަލިއަޅުވައިލެއްވިއެވެ.
އަޝްރަފު ވިދާޅުވީ ގައުމު ގައުމެއްގެ ގޮތުގައި އޮތުމުގެ މައި ހަތަރު ތަނބަކީ އެ ހަތަރު އަސާސް ކަމަށެވެ. އެހެންކަމުން އަޝްރަފު ވަނީ ރާއްޖޭގައި ހަމަހަމަކަމާއެކު އެ އަސާސްތައް ދަމަހައްޓައިދިނުމަށް ޓްރެއިނިންގެ ބައިވެރިންނަށް ނަސޭހަތް ދެއްވަވައިފައެވެ.

އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޕޮލިސް ޓްރެއިނިން އެކެޑަމީން ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް، ޑރ. އަޝްރަފް ޢަބްދުއްރަހީމް ތަގުރީރު ކުރައްވަނީ ---
އަޝްރަފް ވިދާޅުވީ އެއިން އެއްވެސް ކަމަކަށް ލޮޅުމެއް އަރައިފިނަމަ މި ގައުމު، ގައުމެއްގެ ގޮތުގައި ދެމިއެއް ނޯންނާނެ ކަމަށާއި ދިދަ އަކާއި ވެރިކަމެއް އޮތްނަމަވެސް ގައުމެއްގައި ހުންނާންވީ ރިވެތި އެއްވެސް ސިފައެއް ނުހުންނާނެ ކަމަށެވެ.
އަޝްރަފުގެ ތަގުރީރުގައި އިތުރަށް ވިދާޅުވީ ރާއްޖޭގައި ދިވެހިބަހުން ވާހަކަ ދެއްކުމަކީ ދިވެހީންނަށް ލިބިފައި އޮތް އެންމެ ބޮޑު އެއް ނިއުމަތް ކަމަށެވެ. އެހެންކަމުން ގައުމިއްޔަތު ދިރުވަން އެބަޖެހޭ ކަމަށާއި އެ ގައުމިއްޔަތު ދިރުވުމަށް ޓަކައި ބަހުގެ ހުރި ޖަޒުބާތު ތަކާއި ބަހުގައި އެކުލެވޭ އަސަރުތައް މީހުންނަށް ވިސްނެން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ.
ގައުމުތަކުގައި ތަފާތު ބަސްތައް އުފެދުމަކީ އެ ގައުމެއް ބައިބައިވެ، ނިކަމެތިވާނޭ ކަމެއްކަން ފާހަގަ ކުރައްވައި އަޝްރަފް ވިދާޅުވީ ތަފާތު ދީން ތަކަށް ގައުމުގެ ރައްޔިތުން ދިރިއުޅުމަކީ ވެސް ގައުމު ބައިބައިވެދާނޭ ކަމެއް ކަމަށެވެ.
ޓްރެއިނިންގައި ބައިވެރިވި ފުލުހުންނަށް ނަސޭހަތް ދެއްވަމުން އަޝްރަފު އިތުރަށް ވިދާޅުވީ މި ގައުމުގެ އެއްބައެއްވަންތަ ކަމުގެ އެންމެ ބޮޑު އެއް ނިއުމަތަކީ އިސްލާމް ދީން ނޫން ދީނަކަށް މި ރާއްޖޭގައި ނޫޅެވޭނެ ގޮތަށް ގާނޫނު އަސާސީގައި ކަނޑައަޅައިފައި އޮތް އޮތުމާއި އެކަމަށް ބޯލައިބައިގެން ތިބި ރައްޔިތަކު އުޅުން ކަމަށެވެ.

އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޕޮލިސް ޓްރެއިނިން އެކެޑަމީން ދ. ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް، ޑރ. އަޝްރަފް ޢަބްދުއްރަޙީމް ތަގުރީރު ކުރައްވަނީ ---
"ދީން ގެއްލިއްޖެ ހާލަތެއްގައި ތަފާތު ދީންތައް އަތުވެއްޖެ ހާލަތެއްގައި ދާހިލީ ހަމަނުޖެހުމަކަށް ގައުމު ވެއްޓޭނެ. ދެން އޮތީ ބައެއްގެ ތެރޭގައި ހުރި ރިވެތި އަހްލާގީ ސިފަތައް. އޭގެ ތެރޭގައި ބޮޑެތި މީހުންނަށް ކަމޭ ހިތުމާއި ޅަ ދަރީންނަށް އޯގާތެރިވުމާއި އުމުރުން ދޮށީ މީހުންނަށް ގަދަރު ކުރުމާއި މުޖުތަމައު ތެރޭގައި އުޅޭއިރު، އެކަކު އަނެކަކަށް އެހީތެރިވެ ދިނުމާއި ދޯނި އެހެލުން، ކޭން ކައްކައިގެން އެއްގެއިން އަނެއް ގެއާ ހަމައަށް ގެންގޮސްދިނުން. ރަށް ކުނިކެހުން ފަދަ ދިވެހީން ތެރޭގައި ހުރި ރިވެތި އާދަތައް ދެމެހެއްޓީމަ މި ގައުމު އެއްބައިވަންތަ ކަމުގެ ގޮތުގައި ދެމި އޮންނާނީ،" އަޝްރަފް ވިދާޅުވިއެވެ.
ފުލުހުންގެ ޓްރެއިން ސުކޫލުގެ ޑިސިޕްލިން ސުޕަވައިޒަރެއްގެ މަގާމުގައި ހުންނެވި އިންސްޕެކްޓަރު އަހްމަދު ލަތީފް "ސަން"އަށް ވިދާޅުވީ ޑރ. އަޝްރަފު ދެއްވި ތަގުރީރަކީ އެ ޓްރެއިނިން ސެންޓަރުގެ ތާރީހުގައި ވެސް އަދި މިހާތަނަށް ނުދޭ ވަރުގެ ފުރިހަމަ އަދި މައުލޫމާތުން ފުރިގެންވާ ތަގުރީރެއް ކަމަށެވެ.
އޭނާ ވިދާޅުވީ ތަގުރީރުގައި ބައިވެރިވި ފުލުހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށާއި އެމީހުން ތަގުރީރު އަޑު އަހަން ތިބީ ވެސް ޝައުގުވެރިކަމާއެކުގައި ކަމަށެވެ.
"ވަރަށް މުހިއްމު ލެކްޗާއެއް އެ ދެއްވީ. މުޅި ލެކްޗާ ބިނާ ކޮށްފައި އޮތީ ގައުމިއްޔަތާއި ފުލުހުންގެ ދައުރާ ގުޅުވައިގެން. ވަރަށް މުހިއްމު މައުލޫމާތު ތަކެއް ދިނީ. ބައިވެރިން ތިބީ ވަރަށް ހިތްހަމަ ޖެހިފަ. އަދި މި ވާނީ ޓްރެއިންނިން ސުކޫލުގެ ތާރީހުގައި ވެސް މިހާތަނަށް ދިން އެންމެ ރަނގަޅު އެންމެ މައުލޫމާތު ފުރިހަމަ ލެކްޗާ ކަމަށް ބުނަނީ،" ލަތީފް ވިދާޅުވިއެވެ.

ދ. ވާނީގައި މިހާރު ކުރިއަށްދާ ޕޮލިސް އިނީޝަލް ޓްރެއިނިންގެ 33ވަނަ ބުރުގެ ޓްރެއިނިންގގެ މުދައްރިބުން ---
ލަތީފް އިތުރަށް ވިދާޅުވީ އެ ޓްރެއިން ސުކޫލަކީ މީހާގެ އާދައިގެ ދިރިއުޅުމުން ފުލުހުންގެ ދިރިއުޅުމަށް ބަދަލުކުރާ ތަނެއް ކަމަށާއި ފުލުންގެ ވަޒީފާ ކަނޑައަޅަނީ ވެސް އެ ޓްރެއިނިންގެ ތެރެއިން ނަގާ މީހުންނަށް ކަމަށެވެ.