އުދައިން ދިއްގަރު ރައްޔިތުން އުފުލި ތަކުލީފުތަކަށް ނިމުން ގެނެސްދިނީ މި ސަރުކާރުން: ކައުންސިލް

ދިއްގަރަށް އުދަ އެރި ދުވަސްވަރު ރަށު ތެރެއަށް ލޮނުގަނޑު ވަދެފަ -- ފޮޓޯ/ ކައުންސިލް

މ. ދިއްގަރުގައި މީހުން އާބާދު ވީންސުރެން މި ވެރިކަމާ ހަމައަށް ދިމާވަމުން އަންނަ އުދަ އެރުމުގެ ބޮޑު މައްސަލައަށް ހައްލެއް ހޯދައިދެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދައުރުގައި އެކަނި ކަމަށް ދިއްގަރު ކައުންސިލުން ބުނެފިއެވެ.

އެ މައްސަލަ ސަރުކާރުން ހައްލުކޮށްދިނުމާ ހަމައަށް ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި ދިއްގަރަށް އުދަ އަރާ ދުވަސްވަރެއްގައި މީހުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ރައްޔިތުން ތިބެން ޖެހެނީ ހާސްކަމާއި ކަންބޮޑުވުމާއި ބިރުވެރިކަމުގެ ތެރޭގައެވެ.

ރައީސް ޞާލިޙުގެ ވެރިކަމުގެ ހަތަރު އަހަރު ތެރޭގައި ދިއްގަރަށް ގެނެސްދެއްވި ތަރައްގީއާ ބެހޭގޮތުން ކައުންސިލްގެ ރައީސް އަހުމަދު ނިޝާން "ސަން"އަށް ވިދާޅުވީ އެ ރަށަށް އުދައެރުމުގެ މައްސަލައަކީ މިހާތަނަށް އައި އެއްވެސް ސަރުކާރަކުން ދާއިމީ ހައްލެއް ހޯދައިދެވިފައި ނުވާ ރައްޔިތުންނަށް ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް ކަމަށެވެ.

ނިޝާން ވިދާޅުވީ ދިއްގަރަށް އުދަ އަރާ ދުވަސްވަރުގައި ރައްޔިތުންގެ މުދަލާއި ގެދޮރު ސަމާލަތްކުރުމަށް ޓަކައި ނުނިދާ ހޭލާ ތިބެންޖެހޭ ފަހަރު ވެސް އަންނަ ކަމަށެވެ.

ދިއްގަރަށް ރޭގަނޑު ދަންވަރު އުދަ އަރައިގެން ރައްޔިތުން ނުކުމެ، ވެލި ބަސްތާ ޖަހަނީ -- ފޮޓޯ/ ކައުންސިލް

"މިދިޔަ ސަރުކާރުން ވެސް އެކަން ހައްލުކުރަން އެތަނުގައި ކާނެއް ހަދާ އެ މައްސަލަ ހައްލުކުރާ ވާހަކަ ދެއްކި. އެކަމަކު ޢަމަލީ ސިފައެއް ނައިސް އެކަން އެ ނިމުނީ. މިހާރު ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ސަރަހައްދުގައި ހިލަތޮށި ލާ އެވަނީ ނިމިފައި. އޭގެ ފަހުން މިދިޔަ އަހަރު ވެސް އިރުވައިގައި އުދަ އެރުމުގެ މައްސަލަ ދިމަލެއް ނުވި،" ނިޝާން ވިދާޅުވިއެވެ.

2021: ދިއްގަރަށް ދިމާވަމުންދާ މޫސުމީ އުދަ އެރުމުގެ މައްސަލަ ހައްލު ކުރުމަށް ރަށުގެ އިރުމަތީ ފަރާތުގައި ހިލަ ތޮށިލުމުގެ މަސައްކަތް ކުރިއަށް ދަނީ --

"އެހާ ގިނަ ދުވަހު ތަކުލީފް އުފުލި ކަމެއް މި ސަރުކާރުން ހައްލުކޮށް ދެއްވުމުން ރައްޔިތުން ތިބީ މި ސަރުކާރާމެދު ވަރަށް ބޮޑަށް ރުހިފައި،"

ދިއްގަރަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ބިންހިއްކުމުގެ ބިޔަ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްގެންދާކަން އަހްމަދު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓާއެކު ރަށުގެ ރަށްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުން އަންނާނެ ކަމަށެވެ.

ބިން ހިއްކަން ފެށުމުގެ ކުރިން ދިއްގަރު ފެންނަ ގޮތް -- ފޮޓޯ/ ކައުންސިލް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1998 ވަނަ އަހަރު، ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށިކަން ފާހަގަ ކުރައްވާ އަހްމަދު ވިދާޅުވީ އެއްވެސް އަލިމަގެއް ނުފެނި އެކަން ވެސް ނިމުނީ ކަމަށެވެ.

"ރައީސް މައުމޫގެ ވެރިކަމުގައި މި ރަށަށް ވަނީ އެ ހުވަފެން ދައްކާފައި. އޭރު ދިއްގަރު ބިން ހިއްކުމަކީ ރަސްމީކޮށް ފެށި ކަމެއް. ނަމަވެސް އެ މަސައްކަތް ހުއްޓުނު ގޮތަށް އަޅުގަނޑުމެންނަށް އަލިމަގެއް ނުފެނި މި ދިޔައީ. އެވާހަކަ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރައްޔިތުން އައީ ދައްކަމުން. އެހާލުގައި އުޅެނިކޮށް 25 ހެކްޓަރުގެ ބިމެއް މި ސަރުކާރުން ރަށަށް އިތުރުކޮށްދެއްވީ. އެ މަސައްކަތް މިހާރު ކުރިއަށް އެ ދަނީ،" ނިޝާން ވިދާޅުވިއެވެ.

ދިއްގަރަށް ސަރުކާރުން އިތުރުކޮށްދިން 25 ހެކްޓަރާއެކު ދުރުން މިހާރު އެ ރަށް ފެންނަ ގޮތް -- ފޮޓޯ/ ކައުންސިލް

ދިއްގަރަށް ކުރިމަތިވެފައިވާ އުދަ އެރުމާއި ބިމުގެ ޖާގަ އިތުރުކުރުމަށް ޓަކައި ބިންހިއްކުމުގެ ބިޔަ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާ އެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްގެން ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

ޖުމުލަ 121.84 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މުޅި އެ ޕްރޮޖެކްޓުގައި 25 ހެކްޓަރުގެ ބިން ހިއްކުމާއި، އެ ހިއްކި ސަރަހައްދު ހިމާޔަތްކުރުމާއި 384 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާ އަދި 287 މީޓަރުގެ ބޭރު ތޮށިލުން ހިމެނެއެވެ.

އާބާދީގައި މިހާރު 1445 މީހުން އުޅޭ ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ފެށިއިރު ބިމުގެ ބޮޑުމިނަކީ އެންމެ 10 ހެކްޓަރެވެ. އެހެންކަމުން ސަރުކާރުން އިތުރުކޮށްދިން 25 ހެކްޓަރާއެކު އެރަށުގެ ބިމުގެ ބޮޑުމިނުގައި 35 ހެކްޓަރު މިހާރު ހުންނާނެއެވެ.

comment ކޮމެންޓް