މަހުފޫޒަށް ދިން މަރުގެ ހަމަލާ: ދައުވާ އުފުލި ހަތަރު މީހުން ވެސް ސަލާމަތް ވެއްޖެ

މަހުފޫޒަށް ދިން ހަމަލާއަށްފަހު އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަނީ: އެ މައްސަލައާ ގުޅިގެން ދައުވާ އުފުލި ހަތަރު މީހުން ވެސް ވަނީ ސަލާމަތް ވެފައި --- ފައިލް ފޮޓޯ

ގާނޫނީ ވަކީލް މަހުފޫޒް ސައީދުގެ ބޮލަށް ވަޅި ހަރައި މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މަހުފޫޒުގެ ބޮލަށް ވަޅި ހަރައި ޒަހަމް ކޮށްލާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ހަވީރުއެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ ރ. އިނގުރައިދޫ، ކަރަންކާގޭ ޝަފްރާޒު އިބްރާހީމް އާއި ހ. ސެނާ, ޚާލިދު ނަފީއުގެ އިތުރުން ހުޅުމާލެ ފްލެޓް 11270 އަހްމަދު ރާއިދު އާއި ދަފްތަރު ނަންބަރު 6201, ފިރާޒް ޖައުފަރުގެ މައްޗަށެވެ.

އެ ހަތަރު މީހުންގެ ތެރެއިން ޝަފްރާޒާއި ރާއިދުގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ. ދެންތިބި ދެ މީހުންގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެއީ އެ ދެ މީހުން މަހުފޫޒަށް ފާރަލި ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ހަ ހެއްކެއް ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވަނީ މަހުފޫޒް އެކަންޏެވެ. ދެން ތިބި ހެކިވެރިންގެ ހެކިބަސް ވަނީ ނެގޭ ގޮތް ނުވެފައެވެ.

ހެކީގެ ގޮތުގައި ވީޑިއޯތަކެއް ހުށަހެޅި ނަމަވެސް އެ ވީޑިއޯތަކުން މަހުފޫޒަށް ހަމަލަދިން މަންޒަރު ނުފެންނަ ކަމަށް ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައި ވަނީ ބުނެފައެވެ. އަދި ވީޑިއޯތަކުގެ އެނަލިސިސްއެއް ހަދާފައި ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ދައުލަތުން ހުށަހެޅި ބައެއް ހެކި ހޯދާފައިވަނީ ކޯޓު އަމުރެއްނެތި ކަމަށް ބަލައި އެ ހެކިތަކަށް ރިއާޔަތް ނުކުރުމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ.

މަހުފޫޒްގެ ބޮލުގެ އަރިމައްޗަށް ހެރި ވަޅި ވަނީ ދެ އިންޗި ފުންމިނަށް ވަދެފައެވެ. އެވަޅި ނަގާފައިވަނީ ތިން ގަޑިއިރުގެ އޮޕަރޭޝަނަކުންނެވެ. ވަޅި ހެރުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކަށް އައިޖީއެމްއެޗާއި ސްރީލަންކާގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައެވެ.

މަހުފޫޒްގެ ބޮލަށް ވަޅިހެރިއިރު އޭނާ އޭރު ހަރަކާތްތެރިވަމުން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިފާއީ ވަކީލެއްގެ ގޮތުގައެވެ. އަދި ހަމަލާ ދިނީ އޭނާއާ ދޭތެރޭ އޮންނަ އެއްވެސް ޒާތީ ކަމަކާ ގުޅިގެން ނޫން ކަމަށް ވެސް މަހުފޫޒް އޭރު ވަނީ ބުނެފައެވެ.

comment ކޮމެންޓް