ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިރޭ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އޭނާގެ މެންބާޝިޕް ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އެ މަގާމުގައި ކުރިން ހުންނެވި، އަލީ ވަހީދު މަގާމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ޞާލިހާއެކު، ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީއަށް ދިން ދައުވަތު ގަބޫލު ނުކުރުމާއެކު، ކެބިނެޓުގެ ތެރެއިން ޑރ. މައުސޫމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވަނީ ރައީސަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އޭރު އޭނާ ވިދާޅުވީ ރައީސަށް ތާއީދުކުރަނީ އެއްވެސް ޝަރުތެއްނެތި، ގައުމަށް ފައިދާ ހުރި ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ.
ނަމަވެސް، މައުސޫމް ވަނީ ޕާޓީން ވަކިވެ ވަޑައިނުގަނެ، ދުވަސް ކޮޅަކު މަޑުކުރައްވާފައެވެ. އޭނާ ޖޭޕީން ވަކިވެ ވަޑައިގަތީ، މިމަހުގެ ހަތްވަނަ ދުވަހުއެވެ.
އޭނާ މިނިސްޓަރުކަމަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ ރާއްޖޭގެ ފަރާތުން ސިންގަޕޫރަށް ކަނޑައަޅާފައި ހުރި ސަފީރުގެ މަގާމުގައެވެ. މީގެ ކުރިން، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅު ވެސް އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއެވެ.
މީގެ އިތުރުން، ޑީއާރުޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަަރުކަން ކުރެއްވިއެވެ. ޑީއާރުޕީ ދޫކުރައްވާ ޖޭޕީއަށް ސޮއިކުރެއްވީ 2014ވަނަ އަހަރުއެވެ.
އޭގެ ކުރިން އޭނާވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ ރިސޯޓުތައް ހިންގުމުގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ.
މައުސޫމް މިއަދު އެމްޑީޕީއަށް ސޮއިކުރެއްވުމާއެކު، ކެބިނެޓުގައި މިހާރު ތިއްބެވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެ މިނިސްޓަރުންނެވެ. އެއީ، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއާއި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ. ނަހުލާ އަންނަނީ ފިރިކަލުން، ގާސިމްގެ ރިޔާސީ ކެންޕޭނުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. ޑރ. ހުސައިން އެކަމުގައި ރަސްމީ ސްޓޭންޑެއް ނުނަންގަވައެވެ.
comment ނޫރު
2 year 10 month ago
ވެރިކަން ހޯދާދިނުމަށް މަސައްކަތްކުރި މީހުންގެ މަތިން ވަރަށް ހަނދާންވޭ އެބަ. ޖޭޕީގެ ސްލޮޓެއްގައިހުރި މިިނިސްޓަރަކު ޕާޓީ ބަދަލުކޮށްފިއްޔާ ސްލޮޓް ހުސްކޮށް ޖީޕޭއަށް ލިބެންޖެހޭނެ. މިއީ ކިހިނެއްވާކަމެއް.
comment ސލހ
2 year 10 month ago
ސިޔާސީ އޮޑި ފަހަރު އަބަދުވެސް އުޅޭނީ ދުއްވާނެ ދިމާލެއް ނޭންގިގެން. އެހެން އުޅެއުޅެ ހުއްޓާ ފެންނާނީ ފަރަށް އަރާތަން.
comment ބޮޑު
2 year 10 month ago
ކާންދިން މީހަވެސް ހަނދާން ނުހުންނަ މީހުން މިއުޅެނީ..
comment ސލހ
2 year 10 month ago
މަގާމުގެ ދަހިވެތި ކަމުގަ ތޯއްޗެއް؟