މި މަހުގެ 30ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ދެން ތާއީދުކުރާނެ ވަކި ފަރާތެއް ނުވަތަ ނިންމާނެ ވަކި ނިންމުމެއް، ބުދަ ދުވަހު ހާމަކުރާނެކަމަށް "ސަން"އަށް ކަށަވަރުވެއްޖެއެވެ.
ބުދަ ދުވަހު ގޮތެއް ނިންމަން ހަމަޖެހިފައިވާއިރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ސަން އައިލޭންޑް ރިސޯޓުގައި އޭނާގެ ހުރިހާ އެޑްވައިޒަރުންނާ ބައްދަލުކުރައްވައިފައެވެ.
އިތުބާރު ހުރި މަސްދަރަކުން ކަށަވަރުވެފައިވާ ގޮތުގައި މި ބައްދަލުވުންތައް ކުރިއަށް ދިޔައީ ކޮންމެ އެޑްވައިޒަރަކާއެކު އެކަހެރިކޮށް ވަކިންނެވެ.
ބުދަ ދުވަހު ޖޭޕީގެ ކައުންސިލް ބައްދަލުވުމެއް މަޝްވަރާކުރުމަށް ޓަަކައި ބާއްވަން މިހާރުވަނީ ހަަމަޖެހިފައެވެ.
ރިޔާސީ އިންތިޚާބުގައި ޖޭޕީން ގާސިމް ވާދަކުރެއްވިއިރު އޭނާއަށް ލިބިވަޑައިގަތީ 5،460 ވޯޓެވެ. އެއީ 2.47 ޕަސެންޓެވެ.
ގާސިމް އެކަނި ނިކުމެވަޑައިގެން އިންތިޚާބުގައި ވާދަކުރެއްވީ އިންތިޚާބުގެ ކުރިން އެކުގައި މަސައްކަތްކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވި ދައުވަތު ގަބޫލުނުކުރަން ނިންމުމަށްފަހުގައެވެ.
ދެވަނަ ބުރުން ޖާގަ ކަށަވަރު ނުކުރެވުނުއިރު ދެން އޮތް ގޮތަކީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނުވަތަ ސަރުކާރު ކެންޑީޑޭޓް ރައީސް ޞާލިހާ ގުޅުމެވެ.
ނަމަވެސް ގާސިމާއެކު މަސައްކަތްކޮށް ކޯލިޝަން އެކުލަވައިލުމަށް ތާއީދުނުކުރައްވާކަމަށާއި އެ ކަން ނުކުރުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުވަނީ ޕީޕީއެމް ޕީއެންސީ މިހާރު ހިންގަން ތިއްބެވި ވެރިންނަށް އަންގަވައިފައެވެ.
އެއާއެކު ދެން ގާސިމަށް އޮތް ޗޮއިސަކީ ރައީސާއެކު މަސައްކަތްކުރުމެވެ. ނުވަތަ ވަކި ކޮޅެއް ޚިޔާރު ނުކުރައްވައި މަޑުކުރެއްވުމެވެ.