ޕޮލްކޯ ޚިޔާނާތުގެ ފައިސާއިން ހޯދި މުދަލާއި އިމާރާތް ދައުލަތަށް ނަގަން ހުށަހަޅަނީ

އައިލެންޑް އެކްސްޕާޓުން ހުޅުމާލޭގައި ހަދާ އިމާރާތް: އެ ތަން ދައުލަތަށް ނަގަން ހުށަހަޅަން އަންނަނީ މަޝްވަރާކުރަމުން -- ފޮޓޯ/ އައިލެންޑް އެކްސްޕާޓް

ފުލުހުންގެ ވެލްފެއާ ކުންފުނި (ޕޮލްކޯ) މެދުވެރިކޮށް ނުހައްގުން ހޯދާފައިވާ ފައިސާއަށް 'އައިލެންޑް އެކްސްޕާޓް' ކުންފުނިން ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ މުދާތަކާއި ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ އިމާރާތް ދައުލަތަށް ނަގަން ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި މިއަދު މަޝްވަރާކޮށްފިއެވެ.

ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީކުރި 'ބްލޫ ހައުސިން' މަޝްރޫއަށް ޖުމުލަ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ، 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގި މަޝްރޫއެއްކަން އޮޑިޓް ރިޕޯޓުތަކުން ވަނީ އެނގިފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް އެ މަޝްރޫއު ހިންގި ކަމަށް ތުހުމަތުކޮށް މައްސަލަ ބަލަން ފަށައިފައެވެ. އެ ކޮމިޓީން ވަނީ އެ މައްސަލައަށް ޚާއްސަކޮށް ސަބް ކޮމިޓީއެއް ވެސް އެކުލަވައިލައިފައެވެ. އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޝްރޫއާ ގުޅޭ ގިނަ ތަފުސީލުތަކެއް ވަނީ އާންމުކޮށްފައެވެ.

ކޮމިޓީގައި މައްސަލައާ ގުޅޭ ރިޕޯޓު އިއްވަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޕޮލްކޯއިން ނުހައްގުން ނެގި ފައިސާ ބޭނުންކޮށްގެން އައިލެންޑް އެކްސްޕާޓް ކުންފުނިން ހުޅުމާލެއިން ބިމެއް ހޯދައި، އެ ބިމުގައި 17 ބުރީގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް އިމާރާތްކުރަން ފަށާފައިވާ ކަމަށެވެ. އެ އިމާރާތުގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައިފައެވެ.

https://sun.mv/204763

އެއީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި އިމާރާތެކެވެ. އެ އިމާރާތުގެ ބޮޑު ބައެއް ހުރީ ނިންމާފައެވެ.

"ވަރަށް ސާފުކޮށް އެނގެން އެބައޮތް މިއީ ޕޮލްކޯގެ ފައިސާއަށް ކުރި ކަމެއްކަމާއި އެއީ އެ މީހުން ޕޮލްކޯގެ ފައިސާ ބޭނުންކޮށްގެން ކްރިއޭޓްކޮށްފައި އޮތް އެސެޓެއްކަން،،" ނާޒިމް ވިދާޅުވިއެވެ.

އެޕާޓްމަންޓް ކޮމްޕްލެކްސް އަޅަން ފަށައި، ކޮންކްރީޓް މަސައްކަތް ނިންމާފައި ހުރި ނަމަވެސް އެ ބިމަށް ދައްކަން ޖެހޭ ފައިސާ ވެސް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެ ކުންފުނިން ދައްކާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބިމަށް 86 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

"ދައްކަންޖެހޭ 86 މިލިއަންގެ ތެރެއިން އެއްވެސް ފައިސާއެއް ދައްކާފައިނުވޭ. އެ މީހުންގެ އަމިއްލަ ބިމެއްގައެއް ނޫން އެ މީހުން އެތަން ހަދާފައި އެ ހުރީއަކީ. ފައިސާ ދައްކާފައި ބިން ހޯދާފަކާއެއް ވެސް ނެތް. އަދި، އިމާރާތުގެ ހުރިހާ ފައިސާއަކީ ޕޮލްކޯއިން ހޯދި ފައިސާ. ކޮމިޓީއަށް ހައްގު އެބައޮތް،" އޭނާ ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ނާޒިމް: އޭނާ ވަނީ އައިލެންޑް އެކްސްޕާޓްގެ ބިން ދައުލަތަށް ނަގަން ހުށަހަޅާފައި -- ފޮޓޯ/ މަޖިލީސް

އެ އިމާރާތުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރަކު ވެސް ޕޮލްކޯއިން ހޯދި ފައިސާ ބޭނުންކޮށްގެން ހުޅުމާލެއިން 15 މިލިއަން ރުފިޔާ ބިމެއް ގަނެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެ މީހާ ފަހުން އެ ބިން ވިއްކާލީ އެ ތަން ގަންނަން ޚަރަދުކުރި ފައިސާއަށްވުރެ ތިން މިލިއަން ރުފިޔާ މަދުކޮށް، 12 މިލިއަން ރުފިޔާއަށެވެ.

ނާޒިމް ވިދާޅުވީ، މި މައްސަލައިގައި މިހާ ބޮޑަށް ފުލުހުންގެ ފަރާތުން އިހުމާލުވެފައިވާއިރު އެކަން ކުރީ ކޮން ބައެއްކަން ވެސް ދެނެގަނެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކޮން ޕޭމަންޓެއް ދޫކުރީ ކާކުކަން ވެސް. އެ ހުއްދަ ދިނީ ކާކުކަން ވެސް. ވައުޗަރުތަކުގައި ސޮއިކުރީ ކާކުކަން ވެސް އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމާ ވަކިވަކި ފުލުހުން ޒިންމާދާރުކުރެވޭ ވަރަށް މިހާރު އަޅުގަނޑުމެންނަށް މި ވަނީ ހޯދިފައި،" އޭނާ ވިދާޅުވިއެވެ.

ބްލޫ ހައުސިން މަޝްރޫއަށް އައިލެންޑް އެކްސްޕާޓާ އެކު ހެދި އެއްބަސްވުމާ ހިލާފަށް ވެސް ޕޮލްކޯއިން ބައެއް ފައިސާ ދޫކޮށްފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ގޮތުން، އެއް ފަހަރެއްގެ މަތިން އެއްބަސްވުމާ ހިލާފަށް ދެ މިލިއަން ރުފިޔާއެއް ދޫކުރި މައްސަލައަކާއި ސަބްކޮންޓްރެކްޓަރުންނަށް ވެސް ޕޮލްކޯއިން 154 މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ދޫކޮށްފައިވާ މައްސަލައެއް އޭނާ ފާހަގަކުރެއްވިއެވެ.

ޕޮލްކޯއިން އެ ކުންފުންޏަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާކަމަށް ނާޒިމް ތުހުމަތުުކުރެއްވިއެވެ.

މެންބަރުންނަށް މިއަދު ދެއްކި، ހުޅުމާލޭގައި އައިލެންޑް އެކްސްޕާޓް ކުންފުނިން ހަދަން ފަށާފައި ހުރި އިމާރާތުގެ ފޮޓޯ: އެ އިމާރާތް ދައުލަތަށް ނަގަން ހުށަހަޅަން އަންނަނީ މަޝްވަރާކުރަމުން --

އެހެންވެ، އޭނާ ވިދާޅުވީ ޕޮލްކޯ މެދުވެރިކޮށް ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ދައުލަތުގެ ފައިސާއިން އައިލެންޑް އެކްސްޕާޓް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފަށާފައިވާ އިމާރާތާއި އަދި ހޯދާފައިވާ މުދާތައް ދައުލަތަށް ނަގަން ރެކޮމެންޑްކުރާ ކަމަށެވެ.

ހޯމަ ދުވަހާ ހަމައަށް އެ ކަމާ ގުޅޭ ދިރާސާކުރަން ސަބް ކޮމިޓީގެ މެންބަރުންނަށް ވަނީ ވަގުތު ދީފައެވެ. އެއަށް ފަހު ޕޮލްކޯއާ ވެސް ބައްދަލުކުރުމަށް ފަހު، މާލިއްޔަތު ކޮމިޓީން ފާސްކޮށް، މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން އެ މައްސަލައިގެ ރިޕޯޓު ތަޅުމުން ފާސްކުރަން ބޭނުންވާ ކަމަށެވެ.

ޚިޔާނާތުގެ ގޮތުގައި އެކި މައްސަލަތަކުގައި ގެއްލިފައި ހުރި ފައިސާއިން ބިންތަކާއި ފުލެޓުތައް ގަނެފައި ހުރުމުން މީގެ ކުރިން ވެސް ނާޒިމް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެ ގޮތުން، އެސެޓް ރިކަވަރީ ބިލުގެ މަސައްކަތް އަވަސްކުރަން ގޮވާލައި އޭނާ ވަނީ ބަންޑާރަނައިބަށް އެ ބިލުގެ މަސައްކަތް މަޖިލީހަށް ހުށަހަޅަން މި މަހުގެ ނިޔަލަށް މުހުލަތެއް ދިންކަން އިއުލާނުކޮށްފައެވެ.

https://sun.mv/202782

ސަރުކާރުން 2013 ވަނަ އަހަރު ޕޮލްކޯ މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑިއާއެވެ. އެއަށް ފަހު، އެ ކުންފުންޏަށް މަޝްރޫއު ނުނިންމިގެން އައިލެންޑް އެކްސްޕާޓާ ހަވާލުކުރީއެވެ. އެ ކުންފުނިތަކާ މެދުގައި ފިޔަވަޅު އަޅަން މާލީ ވުޒާރާއަށް ލަފާދޭން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.

އެ ރިޕޯޓުގައި ވަނީ، ޕޮލްކޯ ފަދަ ކޯޕަރޭޓިވް ސޮސައިޓީތަކުގެ ބަދަލުގައި ކަމާ ގުޅުންހުރި މިނިސްޓްރީއެއް މެދުވެރިކޮށް މި ފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ވެސް ލަފާދީފައެވެ.

އެ މަޝްރޫއަށް 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ޚަރަދުވެފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއީ، އެ ޕޮލްކޯގެ ނާގާބިލުކަމާއި ކޮރަޕްޝަނަށް ޝައްކުކުރެވޭ ކަންތައްތަކެއްގެ ސަބަބުން ގެއްލުނު ފައިސާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް