ހަ ދުވަސް ފަހުން އެޗްއާރްސީއެމުން ކަންބޮޑުވެއްޖެ: "އާއިލާގެ ކަންބޮޑުވުން އެބަހުރި، ފުޓޭޖު އާންމުކުރުން ހިތާމަވެރި"

އެޗްއާރްސީއެމްގެ މެންބަރުން --

އުމުރުން 21 އަހަރުގެ ޒުވާން އަންހެނަކު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި ފުލުހުންނާއި، ކަމާގުޅޭ އިދާރާތަކުގެ މަސައްކަތްތަކާމެދު އެ އަންހެން މީހާގެ އާއިލާއިން ކަންބޮޑުވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ބަޔާނެއް ނެރެފިއެވެ.

ފުރާޅެއް މައްޗަށް 21 އަހަެރުގެ އަންހެނެއް ކަމަށްވާ، ޔުމްނު ރަޝީދު ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ ހުކުރު ދުވަހެވެ. ފުލުހުން ބުނީ ބެލެވެނީ އޭނާ އަމިއްލައަށް ވެއްޓުނީ ކަމަށެވެ.

އެކަން ގަބޫލުނުކޮށް، މި މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މުޅި ސޯޝަލް މީޑިއާ ވަނީ މި މައްސަލައިގައި އާންމުންގެ ހުރި ކަންބޮޑުވުންތަކުން ފުރިފައެވެ.

އެހެންވެ ފުރަތަމަ، ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންނަށް އެކަނި ތަހުގީގަށް ހޯދި ސީސީޓީވީ ފުޓޭޖުތައް ދެއްކިއެވެ. އަދި ވެއްޓުނު އަންހެން މީހާގެ ވަނަވަރު ހާމަކޮށް ތުހުމަތުކުރެވޭ މީހުންގެ ވަނަވަރުތައް ސިއްރުކުރިއެވެ.

އެއާއެކު މާ ބޮޑަށް އާންމުންގެ ނުރުހުން އަމާޒުވެ، ޒުވާނުން އަޑުއުފުލަން މަގުމައްޗަށް ރޭ ނިކުތުމުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ސީސީޓީވީ ފުޓޭޖު އެންމެންނަށް އާންމުކޮށް ދައްކައިފައެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު އާންމުކޮށް، މިހާރު ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ މިންވަރުގެ މައުލޫމާތު ދީފައެވެ.

https://sun.mv/205176

އޭގެފަހުން، މި މައްސަލައިގައި އެޗްއާރުސީއެމުން ހަ ދުވަސް ފަހުން ކަންބޮޑުވެ މިއަދު ނެރުނު ބަޔާނުގައި ބުނީ، ޔުމްނުގެ އާއިލާގެ ފަރާތުން، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ކަންބޮޑުވުން ހިއްސާކުރި ކަމަށެވެ.

ތަހުގީގުގެ ކުރީކޮޅު، ހެކި ހޯދަން މަސައްކަތްކުރާ މަރުހަލާގައި ވަކި ހެކިތަކެއް އާންމު ކުރުމަކީ ތަހުގީގަށް އަސަރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.

އަދި ހަމައެކަނި ޔުމްނާއި އޭނާއާއެކު އުޅުނު ފިރިހެން މީހާ އެންމެ ފަހުން ފެނިފައިވާ އިމާރާތާއި، އިމާރާތުގެ ބޭރުން ފެންނަ ސީސީޓީވީ ފުޓޭޖް ދައްކާފައިވާތީ އެ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަމުގެ ސަބަބުން ވީޑިއޯއިން ފެންނަ މީހުންގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ''ހިތާމަވެރި'' ކަމެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހުގެރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޔުމްނު ފިޔަވައި، މައްސަލައިގައި ތުހުމަތުވާ އެހެން އެންމެންގެ ވަނަވަރު ސިއްރުކޮށް ތަފާތުކުރި ކަމަށް ބެލެވޭ ކަމަށް ބުނެ ވެސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ ކޮމިޝަނުން ބުނީ، މި ކަމުގެ ސަބަބުން މައްސަލައިގެ ވިކްޓިމް، އިތުރަށް ވިކްޓިމައިޒްވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ތަހުގީގު ނުދަނީސް، ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވާތީ ވެސް އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކުރިއެވެ.

ކޮމިޝަނުން ބުނި ގޮތުގައި، އެއީ ފުލުހުންނާމެދު އާންމު ފަރާތްތަކަށް އޮތް އިތުބާރު ގެއްލި، ތަހުގީގުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެއްދޭނެ ފަދަ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެ، ވަށައިޖެހޭ ފުރިހަމަ އަދި ނަޒާހަތްތެރި ތަހުގީގެއް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފައެވެ. އަދި ފުލުހުންގެ ތަހުގީގު ކުރިޔަށްދާ ގޮތް މޮނިޓާ ކުރަމުންދާނެ ކަމަށް ބުނެފައިވެއެވެ.

ޔުމްނާގެ ކަރާމާތަށް އިހުތިރާމްކޮށް، އޭނާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް