ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ސަސްޕެންޑުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
މީގެ ހަތް ދުވަސް ކުރިން މިދިޔަ ހުކުރު ދުވަހު ހެނދުނު ވަނީ ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެނަކު ފެނިފައެވެ. އެއީ، 21 އަހަރުގެ ޔުމްނުއެވެ.
އެ ހާދިސާގެ ތަހުގީގު 'ނުފޫޒެއް'ގެ ތެރެއިން ވަކި ގޮތަކަށް ބަދަލުކުރާ ކަމަށް ބުނެ، ޒުވާނުން އަންނަނީ ޒުވާނާގެ ހައްގުގައި އިހުތިޖާޖުކުރަމުންނެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށް، އެ މީހުންގެ ޕާސްޕޯޓު ވެސް ފުލުހުން ހިފެހެއްޓީ މައްސަލައަށް ހަ ދުވަސްވީ ފަހުން އިއްޔެއެވެ. ހާދިސާ ހިނގިއިރު ޔުމްނު ގާތުގައި ހުރި ރައުދު އަހުމަދު ޛިލާލް ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.
ޔުމްނު ވެއްޓުނު ރޭ އެ މީހުން ފުރަތަމަ 'ޕާޓީ'ކުރަން ދިޔައީ ޓްރާންސްޕޯޓު މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅަށެވެ. އެ 'ޕާޓީ'ގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ތިބިކަން ވަނީ އެނގިފައެވެ. އެކަމަކު، އެއީ އެނގިގެން ހިނގި ކަމެއް ނޫން ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ އަމީން ސަސްޕެންޑުކުރަން ޖެހޭ ކަމަށް -- ސަން ފޮޓޯ
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ރައީސް އޮފީހުގައި މަސައްކަތްކުރާ ޒުވާނަކު ވަޒީފާއިން ވަކިކޮށް، އިތުރު ޒުވާނަކު ސަސްޕެންޑުކުރުމުން ނުފުދޭ ކަމަށެވެ. މި މައްސަލައިގައި މިނިސްޓަރު އަމީން ވެސް ސަސްޕެންޑުކުރަން ޔާމީން ވަނީ ގޮވާލައްވައިފައެވެ.
"އަޅުގަނޑު މި އުންމީދުކުރަނީ [ރައީސް ޑރ. މުހައްމަދު] މުއިއްޒު ރަނގަޅަށް މި ކަން ކުރައްވަންޏާ އަމީން ސަސްޕެންޑުކުރަން ޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޕާޓީކުރިކަމަށް ތުހުމަތުވެ، ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކުރި ނަމަވެސް ހަމަ އެ ތުހުމަތުވާ ދާއޫދު އަހުމަދު ސަސްޕެންޑްކުރަން ރައީސް އޮފީހުން ވަނީ ނިންމައިފައެވެ. ދާއޫދަކީ 'ޔޫތު އެޑްވައިޒަރީ' ބޯޑުގެ ރައީސްކަމުގައި ހުންނެވި މީހެކެވެ.
ޔާމީން ވަނީ އަދުލު އިންސާފު ގާއިމުކުރަން ޖިނާއީ ތަހުގީގުތައް ކުރުމުގެ ގާބިލިއްޔަތުކަން ފުލުހުންގެ ކިބައިގައި ހުރިތޯ ވެސް ސުވާލު އުފައްދަވައިފައެވެ.
"އަޅުގަނޑަށް ހަމަ އުނދަގުލީ ގަބޫލުކުރަން،" އެ މަނިކުފާނު ފާޑުވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ޔުމްނުގެ މައްސަލައިގައި ވެސް ހިމެނެނީ ކޮން ބައެއްކަން އެނގުމުން ތަކުރާރުކޮށް 'ސިޔާސީ އެއްވެސް މީހަކު ނުހިމެނޭ' ކަމަށް ބުނެ ފުލުހުން އޮޅުވާލީ ކަމަށެވެ. އެއީ، މި ކުޑަކުޑަ ރާއްޖޭގައި ކޮން ކަމެއް ސިއްރުކުރެވޭނެ ކަމަށް ކުރައްވާ ކަމެއްތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ.
"އެކަމަކު ދީނީ ފަގުޑި އަޅައިގެން ހުރި ބޭފުޅަކު މި ހުރީ ވެރިކަމުގައި އެނގޭތޯ،" އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.
މި މައްސަލަތައް ނުބެލެނީ ފުލުހުންނާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިހުމާލުން ކަމަށް ޔާމީން ގަބޫލުކުރައްވައެވެ. އެ މަނިކުފާނު ވަނީ މީގެ ކުރިން ނ. ހޮޅުދޫގައި ހިނގި ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ވެސް ފުލުހުންނަށް އިންސާފު ހޯދައިނުދެވޭ ކަމަށް ތުހުމަތުކުރައްވައިފައެވެ. ފުލުހުން ވަނީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެކަމަކު، އެކަން ގަބޫލުނުކޮށް ގިނަ ބަޔަކު މީގެ ކުރިން އިހުތިޖާޖުކޮށްފައިވެއެވެ.
"ހައްގުތައް ނިގުޅައިގެންފައި، ހައްގުތައް ގެއްލުވާލައި، މި ކަންކަން އޮއްބާލަން މަސައްކަތްކުރަނީ ވެރިކަމުގެ ފަރާތުން. ވެރިކަމުގެ ފަރާތުން އެ ހަވަރުބެރު ޖަހާތީ ޕޮލިސްގެ ފަރާތުން އެ އަތް އަޅައިގެން އޮއްބަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޔުމްނުގެ މައްސަލައިގައި ހިމެނޭ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި ރައުދު ހައްޔަރުކުރީ ޕްރެޝަރަކަށް ކެތްނުކުރެވުމުން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ފުރަތަމަ މަސައްކަތްކުރީ މި މައްސަލަ ވެސް އޮއްބާލަން ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ ހާދިސާގައި ހިމެނޭ ނުވަ މީހުން ފުރަތަމަ ދިޔައީ 'ޕާޓީ'އަކަށެވެ. އެއީ، އެ ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށެވެ. އެ ގެއަކީ އަމީންގެ އާއިލީ ގެކޮޅު މއ. މާންދޫގެދެކުނުގެއެވެ. އޭގެ ތެރެއިން ރައުދާއި ޔުމްނު އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ގެއަކަށް ދިޔައީ ހަތަރެއް ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ.
ފުލުހުން އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އެ ހާދިސާ ހިނގީ އެ ގޭގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން އެ ގޭގައި ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ވެސް ފުޓޭޖުން ފެނެއެވެ.
ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ވަގުތު ގާތުގައި ރައުދެއް ނެތެވެ. އޭނާ ފަހުން ޔުމްނު ހޯދަން މަސައްކަތްކުރާތަން ފުޓޭޖުން ފެނެއެވެ. އޭނާ އަމިއްލައަށް ވެއްޓުނު ނަމަ ވެއްޓިފައި އޮންނާނީ އެ ތަނަށް ނޫން ކަމަށް ބުނެ މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ވެސް ފުލުހުން ވަނީ ރައްދު ދީފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މި ހާދިސާ ހިނގި ގޭގެ ފެންލައިޓުން މީހަކު ވެއްޓޭ ނަމަ ވެއްޓޭނީ އެ ދިމާއަށްކަން ތަހުގީގަށް އެނގޭ ކަމަށެވެ.
މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ފިރިހެނަކު ހިމެނެއެވެ. އަދި ފުލުހުން މި މައްސަލައިގައި އަމަލުކުރީ އެހެންޏާ އަމަލު ކުރާ އުސޫލުން ބޭރުން ކަމަށް ބުނެ، ފުލުހުންނަށާއި އަމީނަށް ވެސް ވަނީ ތުހުމަތުތަކެއް އަމާޒުވެފައެވެ.
އެކަމަކު، މައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް އަމީނާއި ޝުޖާއު ވެސް ވަނީ ވިދާޅުވެފައެވެ.
ހާދިސާއާ ގުޅިގެން އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވައިލައި ރޭ ވެސް ހެންވޭރު ޕޮލިސް ސްޓޭޝަން ދޮށަށް ޒުވާނުން އެއްވެ އިހުތިޖާޖުކޮށްފައިވެއެވެ.