ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި ހާދިސާ ހިނގީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގެކޮޅުގައި ކަމަށް ބުނެފައިވުމުން އެ މައްސަލަ ބަލައިނުގަންނަން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދު ނިންމައިފިއެވެ.
ޒުވާން ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅޭ ކުއްލި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށް ވާންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި މައްސަލައިގައި ދެންނެވުނު ހާދިސާގެ ކްރައިމް ސީންއެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނަކީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ދިރިއުޅުއްވާ ގެ ކަމަށް ބަޔާންކޮށްފައިވާއިރު، މިނިސްޓަރު ދިރިއުޅުއްވަނީ ހާދިސާ ހިނގި ގޭގައި ނޫން ކަމުގައި ދަންނަވަން،" ނާޒިމް ވިދާޅުވިއެވެ.
އެހެންވެ، މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ ކ ގައި ބަޔާންކުރާ ޝަރުތު ފުރިހަމަނުވާތީ، ކުއްލި މައްސަލަ ބަލައިނުގަންނަން ވަނީ ނިންމައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: އޭނާ ވަނީ ޔުމްނު ވެއްޓުނު މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ ހ. ފެންޓޯނިއާ ގެއިންނެވެ. އެއީ، އަމީންގެ ގެއެއް ނޫނެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު އުޅުނީ ޔުމްނުއާއި މި މައްސަލައިގައި ފަހުން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލާ ދެ މީހުން ވަކިންނެވެ. ދެ މީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި ޔުމްނު ވެއްޓުމުގައި އެހެން މީހެއްގެ އަތެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި ނުވަ މީހުން ހިމެނޭ ގްރޫޕަކުން ހާދިސާ ހިނގި، މި މަހު 17 ވަނަ ދުވަހުގެ ރޭ ފުރަތަމަ ދިޔައީ މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅަށެވެ. އެ ގޭގައި 'ޕާޓީކުރި' މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔައި ދެ މީހަކު ވެސް ހިމެނެއެވެ.
އެކަމަކު، އެ މައްސަލައަށް ނުފޫޒު ނުފޯރުވައި ކަމަށާއި ގޭގައި އެ ފަދަ ކަމެއް ހިނގިކަން ނޭނގޭ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނީ، އެ މީހުން އެ ގެއިން ނުކުމެ ހަތަރު މީހަކު ވަކިން އިތުރު ގެއަކަށް ދިޔަ ކަމަށެވެ. އެއަށް ފަހު، ފެންޓޯނިއާ ގެއަށް ވަންނަނީ ޔުމްނުއާއި ރައުދު އެކަންޏެވެ. އެ މީހުން އެ ގޭގައި ބަދުއަހުލާގީ އަމަލު ހިންގި ކަމަށާއި ޔުމްނު ވެއްޓުނުއިރު ގާތުގައި ރައުދު ނެތް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ އެންމެންގެ ފޯނު ހިފަހައްޓައި، ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ.
ފުލުހުން މި މައްސަލައިގައި ތަފާތު އިޖުރާއަތްތަކެއް ގެންގުޅޭ ކަމަށް ބުނެ ޒުވާނުން އަންނަނީ 'ދުލެއް ނުކުރާނަން' ނަމުގައި ސިލްސިލާ ގޮތެއްގައި އިހުތިޖާޖުކުރަމުންނެވެ. ރޭ ކުރި ވިއްސާރައިގެ ތެރޭގައި ވެސް ޒުވާނުން ވަނީ މަގުތަކަށް ނުކުމެ އިހުތިޖާޖުކޮށްފައެވެ.
އިހުތިޖާޖުގައި ފުލުހުންނަށް ތުހުމަތުތައް އަމާޒުކުރިއިރު، އެ މައްސަލައިގައި ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ހޮނިހިރު ދުވަހު އިސްތިއުފާދެއްވައިފައެވެ. އެހެންވެ، ވަގުތީ ގޮތުން އެކްޓިން ސީޕީގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނަރު އިސްމާއިލް ނަވީން ވަނީ އައްޔަންކޮށްފައެވެ.
އެ މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފައެވެ.