ރަޝިއާއަށް ސިފައިން ފޮނުވި ކަމަށް އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފި

އުތުރު ކޮރެއާގެ ސިފައިން. ދެކުނު ކޮރެއާ އާއި ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ވަނީ ޕިއޮންގްޔަންގް އިން މިދިޔަ އަހަރު ރަޝިއާއަށް އެތައް ހާސް ސިފައިން ފޮނުވާފައިވާ ކަމަށް ބުނެފަ. ފޮޓޯ/ރޮއިޓާސް

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ރަޝިއާއަށް ސިފައިން ފޮނުވި ކަމަށް ފުރަތަމަ ފަހަރަށް އުތުރު ކޮރެއާއިން ކަށަވަރުކޮށްދީފިއެވެ.

ދައުލަތުގެ ނޫސް އެޖެންސީ ކޭސީއެންއޭ އަށް ނެރުނު ރިޕޯޓެއްގައި ޕިއޮންގްޔަންގްގެ އަސްކަރިއްޔާއިން ބުނީ ރަޝިއާއަށް އެހީތެރިވުމަށް ސިފައިން ފޮނުވީ ރައީސް ކިމް ޖޮންގް އުން ނެރުއްވި އަމުރެއްގެ ދަށުން ކަމަށެވެ.

ދެކުނު ކޮރެއާ އާއި ހުޅަނގުގެ ޖާސޫސީ އިދާރާތަކުން އަންނަނީ އުތުރު ކޮރެއާއިން ރަޝިއާއަށް ސިފައިން ފޮނުވާ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް އެ ކަން އުތުރު ކޮރެއާއިން މީގެ ކުރިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ރަޝިއާއަށް ސިފައިން ފޮނުވަން ނިންމީ ދެ ގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް ކޭސީއެންއޭ އިން ބުނެއެވެ. އެ އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އުތުރު ކޮރެއާގެ ސިފައިން ރަޝިއާގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަދި ދެ ގައުމުން ވަނީ ދެ ގައުމުންކުރެ އެއްވެސް ގައުމަކަށް އުދުވާނީ ހަމަލާއަކާ ކުރިމަތިލާން ޖެހިއްޖެނަމަ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށް އެއްބަސްވެފައި ކަމަށްވެސް ކޭއެންސީއިން ރިޕޯޓުކޮށްފައިވެއެވެ.

ހުޅަނގުގެ އޮފިޝަލުންތަކަކާ ހަވާލާދީ ބީބީސީއިން ބުނީ އުތުރު ކޮރެއާ ރަޝިއާއަށް އިން ފޮނުވި 11،000 ސިފައިންގެ ތެރެއިން މަދުވެގެން 1،000 ސިފައިން ތިން މަސް ދުވަހުގެ ތެރޭގައި މަރުވެފައިވާ ކަމަށެވެ.

މާޗް މަހު ކިމް ވަނީ ރަޝިޔާގެ ސަލާމަތީ އިސް އޮފިޝަލެއް ކަމަށްވާ ސާގޭ ޝޮއިގޫއާ އެކު ޕިއޮންގްޔަންގްގައި ބޭއްވި ބައްދަލުވުމެއްގައި ޔޫކްރޭންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

އުތުރު ކޮރެއާއިން އަންނަނީ ރަޝިއާއަށް ގިނަ އަދަދެއްގެ ހަތިޔާރުވެސް ފޯރުކޮށްދެމުންނެވެ. އުތުރު ކޮރެއާއަށް އިގްތިސާދީ އަދި އެހެނިހެން އެހީތައް ވެސް ރަޝިޔާގެ ފަރާތުން ލިބޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

comment ކޮމެންޓް