ފަސް ތަރީގެ ފުރަތަމަ ހޮޓަލުގެ ގޮތުގައި ނަސަންދުރާ ހުޅުވައިފި

ނަސަންދުރާ ހުރި ބިމުގައި 2015 ވަނަ އަހަރުން ފެށިގެން ތަރައްގީ ކުރަން ފެށި ހޮޓާ, މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ސްޕެއިންގެ ހޮޓެލް ބްރޭންޑެއް ކަމަށްވާ, "ބާސެލޯ" އިން ހިންގާ އެ ހޮޓާ ހުޅުވީ "ބާސެލޯ ނަސަންދުރާ މާލެ" ގެ ނަމުގައެވެ.

އެ ހޮޓަލުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ބުނެފައިވަނީ މިއީ މާލެއަށް ލިބިގެންދިޔަ އާ ލޭންޑް މާކެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ފަސް ތަރީގެ ސިޓީ ހޮޓާ ކަމަށް ބުންޏެވެ.

ނުވަދިހަ މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ އެ ހޮޓަލުގައި 136 ކޮޓަރި ހުރެއެވެ. އަދި 116 ސާވިސް އެޕާޓްމަންޓާއި ޕޫލާއި އެހެނިހެން ޒަމާނީ އެތައް ހިދުމަތެއް ލިބޭގޮތަށް އެތަން ވަނީ ތަރައްގީ ކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު ހުޅުވަން މަސައްކަތް ކުރި އެ ހޮޓާ ހުޅުވުން އެކި ސަބަބުތަކާ ހުރެ ފަސްވީއެވެ.

މި ހޮޓާ މިއަދު ހުޅުވިއިރު މިއީ މިވަގުތު މާލެ ސަރަހައްދުގައި ހުރި އެންމެ ބޮޑު, އަދި އެންމެ ތަނަވަސް ހޮޓަލެވެ. އެ ބޮޑު އިމާރާތް ހަދާފައިވަނީ ވަރަށް ޒަމާނީ ފެންވަރަކަށެވެ.

ނަސަންދުރާ ހުރި ބިމުގައި ހޮޓަލާއި އެޕާޓްމަންޓް ހަދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ހަވާލުކުރީ، އެމަނިކުފާނުގެ ޅިޔަނު އެއްލައިދޫ މުހައްމަދު މަނިކުގެ މަސްހަލަތު އޮންނަ، އެންޕީއެޗް އިންވެސްޓްމަންޓާއެވެ.

އެ ކުންފުނިން އެ މަޝްރޫއު ފެށީ، ލަންކާގެ އެލްއޯއެލްސީ ގްރޫޕްގެ ސަބްސިޑަރީ، "ބްރައުން އިންވެސްޓަމަންޓް ޕީއެލްސީއާ" އާ އެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދައިފައެވެ.

އެ ޖޮއިންޓް ވެންޗާގައި ހިމެނޭ ބްރައުން އިންވެސްޓްމަންޓްގެ، ބޮޑުފަރު ބީޗް ރިސޯސްޓްސް ލިމިޓެޑްގެ 33.33 ޕަސެންޓް ހިއްސާ ސްޕެއިންގެ ބާސެލޯ ހޮޓެލް ގްރޫޕަށް 30 މިލިއަން ޑޮލަރަށް ވިއްކާލުމުގެ އެއްބަސްވުމުގައި 2019 ވަނަ އަހަރު ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން، ބޮޑުފިނޮޅުގައި ހަދާ 100 ކޮޓަރީގެ ރިސޯޓާއި، 60 ކޮޓަރީގެ ބޮޑުފަރު ރިސޯޓާއި ނަސަންދުރާ ހުރި ބިމުގައި ހެދި ހޮޓާ ތަރައްގީ ކުރާނީ ބާސެލޯ ހޮޓެލް ގުރޫޕުންނެވެ.

ނަސަންދުރާ ތަރައްގީ ކުރުމަށް ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި އޭރުގެ ޓޫރިޒަމް މިނިސްޓަރު, އަދި ފަހުން ނައިބު ރައީސްކަން ކުރެއްވި އަޙްމަދު އަދީބުގެ މައްޗަށް ދައުވާ ވެސް އުފުލިއެވެ.

ނަސަންދުރައިގެ ކޮންސްޓަރަކްޝަންގެ މަސައްކަތް ކުރީ ޗައިނާގެ ޒޮންޝިއާން ކޮންސްޓްރަކްޝަންއިންނެވެ.

comment ކޮމެންޓް