ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަނީ

ތިލަފުށި: އެރަށުގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފައި -- ފޮޓޯ/ އެޗްޑީސީ

ކ. ތިލަފުށީގައި ކްލިނިކެއް ހިންގުމަށް ބިމެއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ އިއުލާނުކޮށްފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ތިލަފުށީގައި ކްލިނިކް ހިންގުމަށް 669.3 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށާއި އެއީ ދިހަ އަހަރުގެ މުއްދަތަކަށް ކަމަށެވެ.

އެގޮތުން، ފުރަތަމަ ދެ އަަހަރުގެ ކުއްޔަކީ މަހަކު ކޮންމެ އަކަފޫޓަކަށް 17.5 ރުފިޔާ ކަމަށްވާއިރު، މަހަކަށް ޖުމުލަ 11،712.75 ރުފިޔާ ދައްކަންޖެހޭނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، ތިނަކާ ފަސް އަހަރާ ދެމެދު މަހަކު ދައްކާނެ ކުލި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެކަމަށް އެދި ބިޑު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަތަރެެއްގެ މެންދުރު ފަހު 14:00ގައި ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލުވުމެއްގައި ކަމަށްވާއިރު، ބިޑާ ގުޅޭ ސުވާލުކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތެއް މެންދުރު ދޭއްގެ ކުރިއެވެ.

ބިޑާ ގުޅޭ ސުވާލު ކުރެވެނީ [email protected] މެދުވެރިކޮށެވެ. އަދި، ޕްރޮޕޯސަލް ހުށަހެޅުން އޮތީ އަންނަ މެއި މަހުގެ މެންދުރު ފަހު 13:00 އިން 14:00 އަށް އެޗްޑީސީގެ މައި އޮފީހުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގިނަ މީހުންތަކެއް މަސައްކަތްކުރާ ތިލަފުށީގައި އެތައް ހާދިސާތަކެއް ހިނގައެވެ. ނަމަވެސް، ފަރުވާ ދޭނެ ތަނެއް ނުހުންނާތީ ގެންނަން ޖެހެނީ މާލެއަށެވެ.

comment ކޮމެންޓް