ހުޅުމާލޭ ސްކޫލަކުން ދުވެފައި ނުކުތް ވަރަށް ހަގު ކުއްޖަކު، ފުލުހުންގެ އެހީއާއެކު ހޯދައިފި

މާލޭގެ ސްކޫލްތަކެއްގެ ދަރިވަރުން: ހުޅުމާލޭގެ ސްކޫލަކުން ދުވެފައި ނުކުތް ކުއްޖަކު ވަނީ ހޯދައިފައި -- ފޮޓޯ/ ޔޫއެންޑީޕީ

ހުޅުމާލޭ ސްކޫލެއްގައި، ކީ-ސްޓޭޖް އެކެއްގެ ދަރިވަރަކު ކިޔަވާ ގަޑީގައި ސްކޫލުން ނިކުތުމުން، ފުލުހުންގެ އެހީތެރިކަމާއެކު އެ ކުއްޖާ ހޯދައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުދައްރިސުން ބޭނުންކުރާ ގޭޓުން އެ ކުއްޖާ ނުކުމެގެން، ސްކޫލް ނެއިބަހުޑްގެ ތެރެއަށް ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ މިނިސްޓްރީގެ ކަމާގުޅުންހުރި ޑިޕާޓުމެންޓުތަކުގެ ސަމާލުކަމަށް މި ކަން އައިސް، މިނިސްޓަރަށް އެ ކަން ރިޕޯޓުވީ 15:11ގައި ކަމަށް ވިދާޅުވެފައިވެއެވެ.

އެއާއެކު، ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު މިނިސްޓްރީއާއި ސްކޫލުން ކުރި މަސައްކަތުން، 15:31ގައި އެ ދަރިވަރު ހޯދާފައިވާ ކަމަށާއި، އެ ދަރިވަރަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަދަ ކަމެއް ހިނގުމުން، އެ ކަމެއް ނުފޮރުވައި، ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. އަދި، މި ހާދިސާ ހިނގި ސްކޫލުގައި، މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައިވާ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭ ގޮތަށް ނިންމާފައިވާ ގޭޓަކަށްވީއިރު، ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ، އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ގޮތަށް ފިޔަވަޅުއެޅާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ވިދާޅުވެފައިވެއެވެ.

އެ ހާދިސާ ހިނގީ ކޮން ސްކޫލެއްގައި ކަމެއް މިނިސްޓަރު ހާމަނުކުރައްވައެވެ.

comment ކޮމެންޓް