ހުޅުމާލެއަށް މިރޭ ކުރި ވިއްސާރައިގައި ވަރަށް ބޮޑަށް ވައިގަދަވެ، ގަހެއް ވެއްޓުމުގެ ސަބަބުން ގެއްލުންތަކެއް ލިބިއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިޔަ ފިތުރޯނު ގަހެއް ވެއްޓިފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފިތުރޯނު މަގަށެވެ. މުލުން ލުހިގެން ގަސް މަގުމައްޗަށް ވެއްޓިފައި އޮތްއިރު، އެ ސަރަހައްދުން ދުވާރުމަތި ހަލާކުވެފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.
އެ ގަހުގެ ސަބަބުން މަގު ވަނީ އެއްކޮށް ބަންދުވެފައެވެ.
ފުލުހުން "ސަން"އަށް ބުނީ 19:00ހާއިރު، އެ ގަސް ވެއްޓުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ އެހީތެރިކަމާއެކު ގަސް ނެގުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ އިތުރު ވީޑިއޯތަކުން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވެސް ވަރަށް ބޮދަށް ވައިގަދަވެ، ތަކެތި ވަޔާދާ މަންޒަރު ފެނެއެވެ.
މިއަދު ހުޅުމާލެއަށް ކުރި ވިއްސާރައާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަމުން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން "ސަން"އަށް ބުނީ، މިރޭ ވިލާގަނޑުގައި 54 މޭލަށް ވައިގަދަވި ކަމަށާއި އާންމުކޮށް ވެސް ވިއްސާރަވާއިރު، ކެރިގަނޑާއެކު އެހާވަރަށް ވައިގަދަވާ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް އެ އޮފީހުން ލަފާކުރަނީ، މެދުރާއްޖެތެރޭގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި ވައި ޖެހުމުން ދާނީ ހުޅަނދު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލައި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ކަނޑުތައް އުޅޭނީ އާދައިގެ ވަރަކަށް ގަދަކޮށް ކަމަށް ވެސް އެ އޮފީހުން ލަފާކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނަށް މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކޮށްފައިވާއިރު، އުތުރު ހިމެނޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އެ ސަރަހައްދުގައި އަދިވެސް ވިއްސާރަ ވިލާ އުފެދެމުންދާ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން ބުނީ މިރެއާއި މާދަމާ އުތުރުގެ އަތޮޅުތަކަށް ވިއްސާރަކޮށް، އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި 13 މޭލާއި 23 މޭލާ ދެމެދުގައި ބާރަށް ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު، މި މޫސުން ފެށުނީ މިދިޔަ މަހުގެ ތެރޭގައެވެ.