ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގައި އެމްޓީސީސީ ބަސްތައް ޕާކުކުރަމުން އައި ޕާކިން ޒޯން "އަތުލީ" ކަމަށް ބުނެ، ބަސްތައް މަގުމަތީ ޕާކުކުރަން ފަށައިިފިއެވެ.
އެމްޓީސީސީގެ ބަސް އޮޕަރޭޝަންތަކަށް ބޭނުންކުރާ ބަސްތައް ޕާކުކުރާ އެއް ތަނަކީ ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ފެރީ ޓާމިނަލާއި ރަށު މާރުކޭޓާ ދެމެދު އޮންނަ ހުސް ބިން ނުވަތަ ޕާކިން ޒޯނެެވެ.
ފެރީ ދަތުރުތައް ހިންގި ދުވަަސްވަރު އެ ތަނަކީ ސައިކަލު ޕާކު ކުރުމަށް ޚާއްސަ ޕާކިން ޒޯނެކެވެ. ބަސް ދަތުރުތައް ފެށި ފަހުން އެ ތަން ބޭނުންކުރަނީ ބަސް ޕާކިންއަށް ޚާއްސަ ތަނެއްގެ ގޮތުގައެވެ.
ނަމަވެސް, މިހާރު އެ ޕާކިން ހުސްކޮށް މަގުމަތީ ބަސްތައް ޕާކުކުރާތާ ދެތިން ހަފުތާ ވަނީ ވެފައެވެ.

ހުޅުމާލޭގައި މީގެ ކުރިން އެމްޓީސީސީގެ ބަސްތައް ޕާކުކުރާ ތަން -- ސަން ފޮޓޯ
އެއީ ކީއްވެގެންތޯ ސާފުކުރުމަށް އެމްޓީސީސީގެ ބަހެއް ހޯދައިލުމަށް މީޑިއާ އޮފިސަރާ ސުވާލުކުރި ނަމަވެސް ޖަވާބެއް ނުދެއްވައެެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ޒޯނުގައި ބަސްތައް ޕާކުުކުރުން ހުއްޓައިލީ، މިހާރު އެއީ ބޯޓް އެސޯސިއޭޝަނަށް ދީފައިވާ ބިމެއް ކަމަށް ބުނެ، އެޗްޑީސީން އެ ބިން ހުސްކުރަން އަންގައިފައިވުމާ އެކުގައެވެ. އަދި, އިތުރު ޕާކިން ޖާގައެއް ވެސް ދައްކައިފައިނުވާތީ، ބަސްތައް މަގުމަތީ ޕާކުކުރަނީއެވެ.

ހުޅުމާލޭގެ މަގުމަތީ އެމްޓީސީސީގެ ބަސްތައް ޕާކުކޮށްފައި -- ސަން ފޮޓޯ
ނަމަވެސް, އެޗްޑީސީން ބުނީ އެމްޓީސީސީއަށް ދީފައިވާ އެއްވެސް ބިމެއް އަތުލައިފައިނުވާ ކަމަށެވެ.
ހުޅުމާލޭގައި މިހާރު ވެސް ޕާކިންގެ މައްސަލަ ބޮޑުވެފައިވާއިރު، މައި މަގުތަކުގެ ދެ ފަރާތުގައި އެއް ލޭން އެއްކޮށް ގެއްލިފައި އޮންނަނީ ކާރާއި ސައިކަލު ޕާކުކޮށްފައި ހުންނާތީއެވެ.
މީގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތަކަށް ވެސް މަގުފަހިވާއިރު، އެ ކަން ހައްލުކުރުމަށްޓަކައި އެކަށީގެންވާ މަސައްކަތްތައް ނުކުރާކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ.