ފެއާ އެތައް ގުނައެއް ކާމިޔާބު، އަންނަ އަހަރު 'ގަދަކޮށް' ބައިވެރިވާނަން: މިނިސްޓަރު

'އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025' ގައި ރާއްޖޭގެ ސްޓޭންޑް: މިއީ މިދިޔަ އަހަރަށްވުރެ އެތައް ގުނަ ކާމިޔާބު ފެއާއެއްކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ އެމްއެމްޕީއާރްސީ

މި އަހަރުގެ 'އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025' އަކީ މިދިޔަ އަހަރަށްވުރެ އެތައް ގުނައެއް ކާމިޔާބު ފެއާއެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އޭޓީއެމް 2025 އަކީ މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާއެވެ. މި ފެއާ ކުރިއަށްދިޔައީ ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.

އޭޓީއެމްގައި މީޑިއާތަކާ ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އޮގަނައިޒޭޝަންތަކާ ގުޅިގެން އެމްއެމްޕީއާރްސީން ވަރަށް ރަނގަޅަށް ކަންކަން އިންތިޒާމްކޮށްފައިވާ ކަމަށެވެ.

ވަކިން ޚާއްސަކޮށް އެކި ކަހަލަ ދިވެހި ރަހަތައް ދައްކާލުމާއި، ރާއްޖޭގެ އާޓިސްޓުންނާއި، ކުރެހުންތެރިންގެ އިތުރުން މިއުޒިޝަނުންގެ ހުނަރު ދައްކާލުން ވެގެންދިޔައީ ރާއްޖޭގެ ސްޓޯލްތަކަށް އެކި ގައުމުތަކުގެ މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

'އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025' ގައި މިނިސްޓަރު ތޯރިގު މީޑިއާތަކާ ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްއެމްޕީއާރްސީ

"އެގޮތުން ރާއްޖޭގެ މި ސްޓޭންޑަށް އަންނަ ފަރާތްތައް އިތުރުވެގެން ދިޔަ. އަދި މިތަނުގައި ބައިވެރިވި ރިސޯޓުތަކަށް، އެބޭފުޅުންގެ އެޕޮއިންޓްމަންޓްތަކަށް ބަލާލިއިރު، ގިނަ ރިސޯޓުތަކުން އެބޭފުޅުން ބޭނުންވި ވަރަށްވުރެ ގިނަ އެޕޮއިންޓްމަންޓްތައް ދީފައި އެބަހުރި. އަދި އެކިކަހަލަ ވިޔަފާރީގެ މުއާމަލާތްތައް ކުރެވިފައި ވެސް އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްއެމްޕީއާރްސީން ރާވައިގެން އޭޓީއެމްގައި ކުރިއަށް މިގެންދާ ރާއްޖޭގެ ސްޓޭންޑަކީ ވަރަށް ކާމިޔާބު ސްޓޭންޑެއް. އަދި މިތަނުގައި ބައިވެރިވި ހުރިހާ ބޭފުޅުންވެސް ވަރަށް ހިތްހަމަޖެހިގެން ތިއްބެވި،"

މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އޭޓީއެމްގެ ތަރުހީބަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް މި އަހަރު ފަހުކޮޅު ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ އެކު 7.5 މިލިއަން ފަތުރުވެރިންނަށް ކޭޓާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

'އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025' ގައި ރާއްޖޭގެ ސްޓޭންޑުގައި ސަގާފީ ޕާފޯމެންސް ދެނީ -- ފޮޓޯ/ އެމްއެމްޕީއާރްސީ

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭޓީއެމްގައި ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ އެކި އެއާލައިންތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރި މަސައްކަތްތަކެވެ. އެގޮތުން، ރާއްޖެއަށް އިތުރަށް އަންނަން ބޭނުންވާ އެއާލައިންތަކާ އެކު ބައްދަލުވުންތައް ބާއްވާފައިވާއިރު ބައެއް އެއާލައިންތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެސްވެއެވެ.

https://sun.mv/205378

"ލޯ ކޮސްޓް އެއާލައިންތަކާ އެކު ވެސް ބައްދަލުކުރެވުނު. އައްޑޫ، ގަމަށް ވެސް އިތުރު ފްލައިޓްތައް ގެނައުމަށް މަޝްވަރާކުރިން. ގާތްގަނޑަކަށް ފަސް އެއާލައިންއާ މަޝްވަރާކުރިން. އޭގެ ތެރޭގައި މިހާރު ހުއްޓާލާފައިވާ ވިޒް އެއާ، ފްލައި ދުބާއީ، ގަލްފް އެއާ ހިމެނޭ" މިނިސްޓަރު ވިދާޅުވިއެވެ.

"އަންނަ އަހަރު އިތުރަށް ރަނގަޅުކުރާނެ ކަންތައްތަކަކީ ކޮބައިތޯ އަދި މި ރީޖަންއަކީ ރާއްޖޭގެ ވަރަށް މާކެޓަކަށް ވެފައި، މާކެޓަށް ވަރަށް ރަނގަޅަށް [ރާއްޖެ] އިސްތިހާރު ކުރެވުމަކީ ވަރަށް ރަނގަޅުކަމެއް،"

ފާހަގަކޮށްލެވޭ ގޮތުގައި އޭޓީއެމްގެ މި އަހަރުގެ ތީމްއަކީ، "ގްލޯބަލް ޓްރެވަލް: ޑިވެލޮޕިން ޓުމޯރޯސް ޓޫއަރިޒަމް ތްރޫ އެންހޭންސްޑް ކަނެކްޓިވިޓީ" މިއެވެ.

ދުނިޔޭގެ 160 ވުރެ ގިނަ ގައުމުތަކުން ބައިވެރިވާ މި ފެއާގައި ރާއްޖެ ބައިވެރިވުމަށް ދިޔައީ ދުރާލާ ތައްޔާރުވަމުންނެވެ. އެގޮތުން މިއަދު ފެއާ ފެށިއިރު ރާއްޖޭގެ 110 ސްޓޯލެއް ބަހައްޓާފައިވެއެވެ. އެ ސްޓޯލްތަކުގައި ރާއްޖޭގެ މައި އިގުތިސާދު ކަމަށްވާ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ.

comment ކޮމެންޓް