މަސައްކަތްތެރީންނަށް ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ސަރުކާރު އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރާ މަސައްކަތްތެރީންގެ ދުވަހާ ގުޅުވައި ދެއްވި ޚާއްސަ ޚިޠާބުގައެވެ.
އެ ޚިޠާބުގައި ރައީސް ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއްގެ ފަހަތުގައި ވަނީ އެކި ދާއިރާތަކުގައި ޚިދުމަތްކުރާ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތް ކަމަށެވެ. އަދި ކޮންމެ މުސްލިމަކީ ވެސް ކެރިކުޅަދާނަވީ މިންވަރަކުން މަސައްކަތްތެރިއަކަށް ވާން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވައި ލިޔުއްވި ކޮންމެ މުއައްރިޚަކުވެސް، ދިވެހީންގެ މުރާލިކަމާއި މަސައްކަތްތެރިކަމަށް ތައުރީފު ކުރައްވައިފައި ވާކަމަށެވެ. އަދި ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަތަކުން މިއަދު ވެސް ދިވެހީންގެ ފަންނުވެރިކަމާއި، ގައުމު ބިނާކުރާން ކުރި ބުރަ މަސައްކަތް ފެންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖޭގައި ކުރާ އިގުތިސާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށް ވިދާޅުވެފައެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ޚިދުމަތްތެރީން ދަފުތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ބޮޑު ކާމިޔާބިއެއް ހޯއްދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ، ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަޚްލާގާއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.
މަސައްކަތްތެރީންގެ ބައިނަލްއަގުވާމީ ދުވަހު، ދިވެހި ކޮންމެ ބެލެނިވެރިއަކަށް އަޅުގަނޑުގެ އިލްތިމާސަކީ، ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުން. އެއާއެކު، އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމަޢު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ. ރައީސް ޑރ. މުޙައްމަދު މުއިއްޒު
އެ މަނިކުފާނު ވިދާޅުވީ ކޮންމެ ދުވަހަކުވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށާއި އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމަށް ކޮންމެ ދުވަހަކު ވެސް ސަރުކާރު ދެމި އޮންނާނެ ކަމަށެވެ.
ރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީން ކަމަށާއި، މާދަމާ ގައުމު ދާން އުއްމީދު ކުރާ އުސްމިންތަކަށް ވާސިލުކޮށްދޭނީ ވެސް މަސައްކަތްތެރީން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.