ދިވެހީންގެ ސިއްހީ ޚިދުމަތްތެރިޔާ ކަރީމްބެ އަވަހާރަވެއްޖެ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2023 ވަނަ އަހަރު ވަނީ ކަރީމްބެއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަނީ: ކަރީމްބެ އުމުރުން 80 އަހަރުގައި އަވަހާރަވީ ރޭގައި-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ރަސްމީ ވަޒީފާ އާއި އަމިއްލަ ގޮތުން ވެސް ދިވެހީންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެއްވުމުގައި 47 އަހަރަށް ވުރެން ގިނަ ދުވަސް ހޭދަކުރެއްވި, ހ. ސެންޓާލަމް, ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) ރޭ އަވަހާރަވެއްޖެއެވެ.

އުމުރުން 80 އަހަރުގައި ކަރީމްބެ އަވަހާރަވީ އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިވެ އުޅުއްވައިފައެވެ. ކަރީމްބެގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ވަނީ ނިންމައިފައެވެ.

ކަރީމްބެ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 18 ޖޫން 1961 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ސިއްހަތާ ބެހޭ އޮފީހުގެ ހެލްތު އެސިސްޓެންޓުގެ ވަޒީފާއެވެ. އުމުރުން 65 އަހަރުވެގެން 16 ޖުލައި 2009 ގައި ރިޓަޔާ ކުރައްވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވީ އެ ދާއިރާގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2023 ވަނަ އަހަރު ވަނީ ކަރީމްބެއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވައިފައެވެ.

ކަރީމްބެ، ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެ ދުވަސްވަރު ހެލްތު ވޯކަރުން ތަމްރީނު ކުރުމަށް ހޮލެންޑުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ވަޑައިގެން، ދެއްވި ތަމްރީނުތަކަށްފަހުގައެވެ. އެ ދާއިރާއަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އިންޑިއާއިންނާއި، ތައިލެންޑުން ވަނީ ކަމާގުޅޭ ތަމްރީނުތައް ފުރިހަމަކުރައްވައިފައެވެ.

ސިއްހީ ހާލަތު ދަށް ޒަމާނެއްގައި އެތައް ޚިދުމަތެއް

ކަރީމްބެއަކީ، ޓީބީއާއި ފައިލޭރިއާއާއި، ލެޕްރަސީ ފަދަ ބޮޑެތި ބަލިތައް ތަހައްމަލްކުރި މީހުން އެކަހެރިކޮށް، އެ މީހުންނަށް ފަރުވާދިނުމުގައި، އެކި އަތޮޅުތަކުގައި ހުންނަވައިގެން، އެކިފަހަރުމަތިން ހަތަރު އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. އަދި މާލޭގެ ގޭގޭގެ ފެންވަޅުތައް ކްލޮރިނޭޓް ކުރުމުގެ މަސައްކަތާއި، ބޯން ބޭނުންކުރާ ފެން ޓެސްޓް ކުރުމާއި، ކޮލެރާ ދުވަސްވަރު ވެކްސިން ދިނުމުގެ މަސައްކަތާއި، ހޮޓާ ރެސްޓޯރެންޓްތަކުގެ ސާފުތާހިރުކަން ހުރި ނެތް ގޮތް ބައްލަވައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުއްވުމުގެ މަސައްކަތް ވެސް ވަނީ ކުރައްވައިފައެވެ.

މީގެ އިތުރުން، ރާއްޖެއިން ޔޫރަޕްގެ މާކެޓަށް އެކްސްޕޯޓް ކުރާ ކަންނެލި، ޔޫރަޕްގެ ސްޓޭންޑަޑަށް ޕެކް ކުރެވޭކަން ކަށަވަރުކޮށް، ސެޓުފިކެޓު ދޫކުރެއްވުމާއި، ރާއްޖެއަށް އަލަށް އެތެރެކުރާ ބޭސް ޓެސްޓުކޮށް އިމްޕޯޓް ކުރުމުގެ ހުއްދަ ދެއްވުމުގެ މަސައްކަތް ވެސް ކުރެއްވިއެވެ. އަދި އުމުރުން ދުވަސްވެފައިވާ ބަލި މީހުންނަށް ފަރުވާދިނުމަށް، ނުރަސްމީ ގަޑިތަކުގައި ގޭގެޔަށް ޒިޔާރަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ. މީގެއިތުރުން، ކުދިން ހިތާނުކުރުމުގެ މަސައްކަތްވެސް ކަރީމްބެ ވަނީ ވަރަށް ހީވާގިކަމާއެކު ކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ ކަރީމްބެ، ސަރުކާރަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެއްވެސް އިރެއްގައި މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. އޭނާއަކީ، ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު، ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް ޚިދުމަތް ކުރައްވަމުން ގެންދެވި އަދި ބަލިމީހުންނަށް އޯގާތެރިކަމާއެކު ޚިދުމަތް ދެއްވި، އަދި މުވައްޒަފުންނަށް ރީތި މިސާލެއް ދެއްކެވި ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

comment ކޮމެންޓް