މުޙައްމަޒު ޒަޔާން އަބްދުﷲ އޭ ބުނުމުން ނޭނގޭ ދިވެއްސެއް މަދުވާނެއެވެ. ޒަޔާނަކީ ގިނަ ދިވެހީންގެ ތެރޭގައި މަގުބޫލު ޒަމާންވީ، ޒުވާން ޕްރެޒެންޓަރެކެވެ. މި ދާއިރާއަށް އޭނާގެ ޝައުގު އަތުލީ، ޕްރެޒެންޓަރުން ހުށަހަޅާ ޕްރޮގްރާމުތައް ފެނިގެނެއެވެ. އޭރު އޭނާގެ އުންމީދަކީ އެޕްރެޒެންޓަރުންގެ ކިބައިން ނަމޫނާ ލިބިގަނެ، އަމިއްލަ ޕްރޮގްރާމެއް ހުށަހެޅުމެވެ.
ގިނަ މީހުންނަށް ޒަޔާން އެނގޭނީ 'ހޭޔަންބޯ' ޕްރޮގްރާމްގެ ޕްރެޒެންޓަރުގެ ގޮތުގައެވެ. އެކަމަކު، މިއަދު ފާއިތުވި އަށް އަހަރުގެ ޕްރެޒެންޓަރު އިނީ ހޭޔަންބޯ ހުށަހަޅާކަށް ނޫނެވެ. މެހުމާނަކަށެވެ. އެހެންވެ، ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ ޒަޔާން ޕްރެޒެންޓިން ހުއްޓާލަނީހެއްޔެވެ؟
މީގެ 14 އަހަރު ކުރިން އޭނާގެ ޕްރެޒެންޓިން ދާއިރާ ފެށީ ތިނެއް ނޮވެންބަރު، 2010 ގައި ވީޓީވީންނެވެ. އޭގެ ހަތަރު މަސް ފަހުން ދައުލަތުގެ މީޑިއާ ޓީވީއެމްއާ އޭނާ ގުޅުނެވެ. އެއީ، މާރިޗު 29، 2011ގައެވެ. އެ ހިސާބުން ފެށުނީ މަގުބޫލު އެތައް ޕްރޮގްރާމްތައް ހުށަހަޅައިދިނީ ޒަޔާނެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު މޯލްޑިވިއަން އައިޑަލްއާ ގުޅޭ ޝޯއެއް ޒަޔާން ހުށަހަޅަނީ ----
'ހެނދުނު ހެނދުނާ'، 'މަގޭ ރާއްޖެ'ގެ އެޕިސޯޑުތައް ހުށަހަޅައިދިނެވެ. އޭގެ އިތުރަށް، ރޯދަ މަހަށް މަޝްހޫރު 'ވިލޯ'އާ އެކު، ބެލުންތެރިންގެ ރޯދަ ކުރުކޮށްދެނީ 'ސޭލް ސޭލް' ޕްރޮގްރާމުންނެވެ. އިތުރު ހަފުލާތަކުގެ ތައާރަފު ވެސް ދެއްވިއެވެ.
އޭގެ ތެރެއިން ވެސް އެންމެ މެނުކެނޑި އެންމެ ގިނައިން ޒަޔާން ހުށަހެޅީ ގިނަ ދިވެހީންގެ މެދުގައި މަގުބޫލު ހޭޔަންބޯއެވެ. އެ ޕްރޮގްރާމު އަށް އަހަރު ވަންދެން ޒަޔާން ހުށަހަޅައިދިނެވެ. އެ ޕްރޮގްރާމަކީ ރާއްޖޭގައި މެދުނުކެނޑި އެންމެ ޒަމާންވަންދެން ގެނެސްދޭ ޕްރޮގްރާމެވެ.
އެކަމަކު، މިއަދު ދެއްކީ 300 އަށްވުރެ ގިނަ ހޭޔަންބޯ ޕްރޮގްރާމް ހުށަހެޅި ޒަޔާންގެ ވަދާއީ ހޭޔަންބޯ ޕްރޮގްރާމެވެ.
މިހާ ދިގު މުއްދަތަކަށް ދާއިރާއެއްގެ ދެމިހުރީ ގިނަ ކަންތައްތަކެއް ކޮށްގެންނެވެ. ޒަޔާން ދާއިރާގައި ދެމިހިރުމަށް މައުލޫމާތުތައް އެއްކޮށް، ތައްޔާރުވެއެވެ. ޕްރޮގްރާމްތަކުގައި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމާ ގުޅުވައި ޕްރޮޑިއުސަރުން ކައިރީ ލަފައަށް އަހައެވެ.
"އަޅުގަނޑު ވަރަށް އުންމީދުކުރިން މި ޕްރޮގްރާމު [ހޭޔަންބޯ] ހުށަހަޅަން ލިބޭނެޔޭ. ހީނުކޮށް ހުއްޓާ އޭރު ޕްރޮގްރާމް ހުށަހަޅަން ލިބުނުއިރު 20 އަހަރު،" ޒަޔާން ބުންޏެވެ.
ޖުމުލަ 300 އަށްވުރެ ގިނަ ހޭޔަންބޯ ޕްރޮގްރާމްގެ ތެރެއިން ވެސް ޒަޔާނަށް އެންމެ ކަމުދިޔައީ ކުރީގެ ރައީސުންނާ ކުރި އިންޓަވިއުތަކެވެ. އެ ހަނދާންތަކުގެ ފޮނިރަހަ އަދިވެސް އެބަހުއްޓެވެ.
ޒަޔާން ކުރީގެ ރައީސް މައުމޫންއާ ސަލާން ކުރައްވަނީ -----
ދެން އޮތީ އަސްލު ސުވާލެވެ. ޒަޔާން ޕްރެޒެންޓިން ހުއްޓާލަނީ ހެއްޔެވެ؟ އެ ސުވާލުކުރުމުން ބުނީ، ޕްރެޒެންޓިން ހުއްޓާލަނީ ނޫން ކަމަށެވެ.
ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، ޒަޔާން ޕްރެޒެންޓުކުރުން މެދުކަނޑާލަނީއެވެ. ދުވަސް ކޮޅަކަށް ބެލުންތެރިންނާ ވަކިވެ، ބްރޭކެއް ނަގައިލަނީއެވެ. ބަންޑާރަނައިބުގެ އޮފީހުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ޒަޔާން ބުނީ، ޕްރެޒެންޓުކުރުން މެދުކަނޑާލަނީ މާސްޓާސް ފުރިހަމަކުރަން ރާއްޖޭން ބޭރަށް ދާތީ ކަމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތްކުރަމުން ވެސް ޕްރެޒެންޓުކުރުމަކީ ޒަޔާނަށް ލިބޭ އުފަލެކެވެ.
ޒަޔާން ބުނީ، ކޯހަށް ދަނީ އެއް އަހަރަށް ކަމަށެވެ. ނަމަވެސް، ޕްރެޒެންޓިންގެ ދާއިރާއާ މުޅިން ދުރަށް ނުދާނެ ކަމަށާއި ކޯހަށް ފަހު އިތުރު ޕްރޮގްރާމުތަކުން ފެންނާނެ ކަމަށް ޒަޔާން ވިދާޅުވިއެވެ. އެހެންކަމުން، ކުޑަ ދުވަސްކޮޅަކަށް ފަހު ބެލުންތެރިންނާ ޒަޔާން ބައްދަލުކުރައްވާނެއެވެ. މިއީ ނިމުމެއް ނޫނެވެ. ބްރޭކެކެވެ.