ތިން ވަނައަށް އަރަން ލިބުނު ފުރުސަތު ފޮރެސްޓުން ނަގައިލައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާއި ބްރެންޓްފަޑް ބައްދަލުކުރި މެޗުން ފޮރެސްޓް ބަލިވުމާއެކު އެ ޓީމަށް ތާވަލްގެ ތިންވަނައަށް އެރުމަށް ލިބިގެންދިޔަ ފުރުސަތު ގެއްލުވާލައިފިއެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗު ބްރެންޓްފަޑުން ކާމިޔާބު ކޮށްފައިވަނީ 0-2 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފޮރެސްޓަށް ބްރެންޓްފަޑްގެ ޑިފެންސް ފޫއަޅުވާލުން ވެގެންދިޔައީ އުނދަގޫ ކަމަކަށެވެ.

ފޮރެސްޓް މި މެޗުން ބަލިވެފައިމިވަނީ އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މެންޗެސްޓަ ސިޓީ އަތުން ބަލިވިތާ ހަތަރު ދުވަސް ފަހުން ކަމުން މި ނާކާމިޔާބީގެ އަސަރު އިތުރު ވެގެންދާނެއެވެ.

މި މެޗުގައި ބްރެންޓްފަޑުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ ލީޑު ނަގައިދިނީ ކެވިން ޝާޑްއެވެ. އޭނާ ވަނީ މި ސީޒަންގައި ލީގުގައި އަށް ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފަށް ފޮރެސްޓުން ނިކުތީ ފުރަތަމަ ހާފުގައި ދެއްކި ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުން ނަތީޖާއެއް ނެރުމުގެ އަޒުމުގައެވެ. އަދި އެކަން އެ ޓީމުގެ ކުޅުމުން ދެވަނަ ހާފުގައި ފެނިގެންދިޔައެވެ.

މިގޮތުން އެންތަނީ އެލާންގާއާއި ކްރިސް ވުޑްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މިއާއެކު ވެސް މި މެޗުގައި ދެން ވެސް ފެނިގެންދިޔައީ ބްރެންޓްފަޑުން އެ ޓީމުގެ ލީޑު ފުޅާކުރި ތަނެވެ. މި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔޮއާން ވީސާއެވެ.

މި މެޗުން ބަލިވުމުން ފޮރެސްޓް މިހާރު އުޅެނީ ތިން ވަނައިގާ އުޅެ ނިއުކާސްލް ޔުނައިޓެޑަށް ވުރެ ދެ ޕޮއިންޓް ފަހަތުން ތާވަލްގެ ހަވަނައިގައެވެ. އެއީ 60 ޕޮއިންޓާއެކުއެވެ.

އަދި މިއާއެކު އެޓީމުން މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ކުރާ އުންމީދަށް މިވަނީ ފަނޑު ކަމެއް އައިސްފައެވެ. ނަމަވެސް މި މުބާރާތުގައި ބާކީ ހަތަރު މެޗު ކޮންމެ ޓީމަކަށް އޮތުމުން ގަދަ ފަސް ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު އެ ޓީމަށް އަދި މުޅިން ނުގެންލެއެވެ.

މި މެޗު ކާމިޔާބު ކޮށްގެން ބްރެންޓްފަޑް މިހާރު އުޅެނީ 49 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

comment ކޮމެންޓް