މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ޒުވާނުން ކުރި މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަތާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް ފުލުހުން ރޭ ބުނެފިއެވެ.
ރޭގެ މުޒާހަރާ ހޫނުވީ، އެސްއޯ ފުލުހުންގެ ޓީމަކުން ކުއްލިއަކަށް މުޒާހަރާ ތެރެއަށް ވަދެ، ބާރޫގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލަން މަސައްކަތް ކުރުމުންނެވެ. އެ މުޒާހަރާ ތެރެއަށް ޕެޕާ ސްޕެރޭ ފުލުހުން ޖަހާފައިވާއިރު، ދެ މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.
އެއީ، 19 އަހަރުގެ މ. ހަސްތީ، އައިޝަތު ޝިމަން އަޙުމަދާއި 28 އަަހަރުގެ ނ.ކުޑަފަރީ، ބަގީޗާގެ އަބްދުﷲ މަހްޒޫމް މާޖިދެވެ.
އޭގެ ތެރެއިން، ޝިމަން ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ. އަދި، މަޙްޒޫމް ހައްޔަރުކުރީ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ.

ރޭގެ މުޒާހަރާ ތެރެއިން ޝިމަން ހައްޔަރުކުރަނީ: މުޒާހަރާ ރުޅާލީ ތައުލީމީ މަސްލަހަތާއި ރައްޔިތުންނަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ބުނެފައިވޭ ---- ފޮޓޯ/ ލޫކަސް ޖަލީލް، ފޭސްބުކް
ފުލުހުން ރޭ ބުނެފައިވަނީ، މަޖީދީމަގައި ދުއްވާ އުޅަނދު ފަހަރަށް އެމަގ ބަންދުވާހެން ޒުވާނުން ކުރާ މުޒާހަރާގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރާކަމުގެ ޝަކުވާތައް މެދުނުކެނޑި ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން، މަޖީދީމަގު ފަދަ މުހިންމު މަގެއް ބަންދުވާހެން މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސްގެ އިތުރަށް ކެރަމް ފަދަ ކުޅިވަރުތައް މުޒާހަރާގައި ކުޅުމުން އާންމު މަސްލަހަތަށް ފުށުއަރާތީ އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިއަދަކީ ގިނަ ދަރިވަރުންތަކެއް ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ހާޒިރުވާން ޖެހޭ ދުވަހެއްކަން ފާހަގަކޮށް، އެ ޚިދުމަތުން ހުނީ، މުޒާހަރާ ރުޅާލީ އެކިރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ގާނޫނީ އިންޒާރު ދިނުމަށް ފަހުގައި ކަމަށެވެ.
"މި ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ،" ފުލުހުން ބުނެފައިވެއެވެ.
ޒުވާނުގް މުޒާހަރާތައް އާންމުކޮށް ރޭގަނޑު 12:00 އަށް ހުއްޓާލި ނަމަވެސް ރޭގެ މުޒާހަރާ އެއަށްވުރެ ގިނައިރު ވަންދެން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާތަކުގެ ތެރެއިން ދެ މީހަކު ހައްޔަރުކުރުން ޑިމޮކްރެޓްސްއާއި އެމްޑީޕީން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި، ސިޔާސީ ބޭނުމެއް ނެތި ކުރި މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރޫޅާލަން ޖެހުމަކީ މިކަމުގައި ސަރުކާރުގެ ނުބައި ނިޔަތެއް އޮތް ކަމުގެ ހެއްކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.