ގާނޫނާ ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަކީ ރައީސަކު ކުރާނެ އެންމެ ބޮޑު ދުސްތޫރީ ކުށް: ސުއޫދު

ރައީސާއި ހުސްނުއްސުއޫދު: ގާނޫނާ ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަކީ ރައީސަކު ކުރާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށް ސުއޫދު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ގާނޫނުއަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށް، މި ސަރުކާރުގައި އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު މިރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ މާޗު މަހުގެ ހަތަރުވަނަ ދުވަހު ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ފެބްރުއަރީ މަހުގެ 26ގައި އޭނާ ސަސްޕެންޑުކުރި ފަހުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ސުއޫދާއެކު ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު ވެސް ސަސްޕެންޑުކުރިއެވެ. އެ ބޭފުޅުންގެ ސުލޫކީ މައްސަލައެއް ވެސް ބެލުމަށްފަހު، ޖޭއެސްސީން މިއަދު ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައިފައެވެ.

ޖޭއެސްސީން އެގޮތަށް ނިންމިތާ މާގިނައިރެއްނުވެ ރައްޔިތުންގެ މަޖިލީހުން މާދަމާއަށް ކަނޑައެޅި އެޖެންޑާގައި ވަނީ ދެ ފަނޑިޔާރުންގެ މައްސަލަ ހިމަނައިފައެވެ.

https://sun.mv/205592

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު އިސްތިއުފާ ދެއްވައިފައިވާއިރު މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފައި -- ފޮޓޯ/ ރައީސް އޮފީސް

އެ ބޭފުޅުން ސަސްޕެންޑުކުރި ދުވަހަކީ އެ މައްސަލައާ ގުޅޭ ވަގުތީ އަމުރެއް ނެރުމާ ގުޅޭ ގޮތުން އަޑުއެހުމެއް ބޭއްވުމަށް ވެސް ތާވަލުކޮށްފައި އޮތް ދުވަހެވެ. ނަމަވެސް ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން، ފުލް ބެންޗުން ބަލަމުން އައި އެ މައްސަލަ މަޑު ޖެހުނީއެވެ.

އަޒްމިރަލްދާއާއި ސުއޫދު ވެސް ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ސުއޫދު ވަނީ ރައީސަށް ތުހުމަތުތައް އަމާޒުވާ ގޮތަށް ވާހަކަދައްކަވައިފައެވެ.

"ގާނޫނުއަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ގައުމުގެ ރައީސަކު ކުރާނެ އެންމެ ބޮޑު ދުސްތޫރީ ކުށެވެ. ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ތިޔަ ދިން ހަމަލާގައި ބައިވެރިވި ބޭފުޅުން އަދާކުރެއްވި ދައުރު ދިވެހި ޖުޑީޝަރީގެ ތާރީޚުން ފޮހެވިގެންނުދާނެއެވެ." އޭނާ ލިޔުއްވާފައިވެއެވެ.

މީގެ ކުރިން އަޒްމިރަލްދާއާއި ސުއޫދު ތުހުމަތު ކުރައްވާފައިވަނީ، މެންބަރުން ގޮނޑި ގެއްލޭ މައްސަލަ ބެލުން ހުއްޓުވުމަށް ސަރުކާރުގެ އިސް ފަރާތްތަކުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަަމަށެވެ.

މީގެ އިތުރުން އަޒްމިރަލްދާ ވަނީ ޖޭއެސްސީއާއި އޭސީސީން ވެސް ބަލާ ކަމަށް ބުނެފައިވާ މައްސަލައިގައި ނުފޫޒު ހިމެނޭ ކަމަށް ތުހުމަތުކުރައްވައިފައެވެ.

comment ކޮމެންޓް