އެމަނިކުފާނުގެ އަމާޒަކީ ޑިޖިޓަލް އިގްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ އިސްލާމިކް ފައިނޭންސްގެ މައި މަރުކަޒަކަށް ރާއްޖެ ހެދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނިޝިއެޓިވް (މިއައިއެފްސީ) އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވީ، އެމްއައިއެފްސީގެ ޚިޔާލު އުފަންވީ، ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއިން ކަމަށެވެ.
އެގޮތުން، މިއަދު އިފްތިތާޙުކުރި މަޝްރޫއަކީ، ޤައުމީ ތަރައްގީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި އިތުރު ފިޔަވަޅެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ދިވެހިންގެ ޝަޚްސު ބިނާވަނީ އޯގާތެރިކަމާއި ޢަދުލުވެރިކަމާއި އިޖުތިމާޢީ ހަމަހަމަކަމުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނިޝިއޭޓިވް (މިފްސީ) އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް
މި މަޝްރޫއިން ނަގަހައްޓަން އުންމީދު ކުރައްވާ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީ އެއީ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން، މުޖުތަމައަށް ބޭނުންވާ ތަފާތު ކަންކަން ފުއްދައިދިނުމަށް ކުރާ މަސައްކަތުގައި މަދަނީ ޖަމާޢަތްތަކާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުންތަކަށް މަގުފަހިކޮށްދިނުމުގައި މި މަޝްރޫއު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ މި އިނީޝިއޭޓިވްއަކީ ހަމައެކަނި ޕްރޮގްރާމެއްގެ ގޮތުގައި ނުދެކި، އެއްބައިވަންތަކަމާ އެކު އަމަލުކުރަން ޖެހޭ ގޮވާލުމެއްގެ ގޮތުގައި ދެކެން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއެކު ނޭޝަނަލް މާސްޓަ ޕްލޭން އެންޑް ރޯޑް މެޕް ފޯ އިސްލާމިކް އިކޮނޮމީޒް އެންޑް ފައިނޭންސް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.

އެމްއެމްއޭއިން ރައީސް މުއިއްޒަށް 'ކޮމިޓްމަންޓް ލެޓާ' އަރުވަނީ ---- ފޮޓޯ/ ރައީސް އޮފީސް
އެގޮތުން، ރާއްޖޭގައި ޤާއިމުކުރާ، އިސްލާމިކް ފައިނޭންސާއި ޑިޖިޓަލް އިނޮވޭޝަންގެ ވެށި، މި ޕްލޭނުން އަންގައިދޭނޭ ކަމަށާއި މިކަމަށް ބޭނުންވާ ޤާނޫނީ އެއްބާރުލުން ދިނުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިސްނަގައިގެން "މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)"ގެ ނަމުގައި ފެށި މަޝްރޫއުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި ބީއެމްއެލް އިސްލާމިކް ބައިވެރިވެއެވެ.
މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ބީއެމްއިލް 200 މިލިއަން ރުފިޔާގެ މާލީ އެހީ ދޭއިރު، އެމްއައިބީން 30 މިލިއަން ރުފިޔާ އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާގެ މާލީ އެހީ ދިނުމަށް ވަނީ ނިންމާފައެވެ.
ކުރުނބާ މޯލްޑިވްސްގައި ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވި މި މަޝްރޫއުގެ ދަށުން މާލީ އެހީ ދިނުމަށް ނިންމާފައި ވަނީ މުޖުތަމައުގައި އުޅޭ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި އަންހެނުންނަށެވެ.