ޔުނިވާސިޓީތަކުގައި ބުރުގާ އެޅުން މަނާކުރަން ފަރަންސޭސިވިލާތުގެ ދާޚިލީ ވަޒީރު ބްރޫނޯ ރެޓައިލޯ ހުށަހަޅުއްވައިފިއެވެ.
ރެޓައިލޯ ފަރަންސޭސިވިލާތުގެ އާރުއެމްސީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޔުނިވާސިޓީތަކުގައި ބުރުގާ އެޅުން މަނާކުރަން ބޭނުންވަނީ އިސްލާމީ ސަގާފީ އަޤީދާތަކާ އެއްގޮތް ނުވާ އިސްލާމިޒަމެއް އެބައޮތް ކަމަށް ގަބޫލުކުރާތީއެވެ.
"އަޅުގަނޑު އެގޮތަށް ބޭނުންވަނީ މުސްލިމުންގެ ސަގާފީ ޢަޤީދާ ނުފެންނަ އިސްލާމިޒަމްގެ ވައްތަރެއް އެބައޮތްކަން އެނގޭތީ. އަޅުގަނޑުގެ ނަޒަރުގައި އެއީ ފިރިހެނުން އަންހެނުންނަށްވުރެ ދަށްކޮށްލުން,"
ފަރަންސޭސިވިލާތުގެ ޕްރައިމަރީ އަދި މިޑްލް ސްކޫލްތަކުގައި ބުރުގާ އެޅުން 2004 ވަނަ އަހަރުގެ މާޗު މަހު ވަނީ މަނާކޮށްފައެވެ. ނަމަވެސް، އޭރު ވަނީ ޔުނިވާސިޓީތައް އިސްތިނާކޮށްފައެވެ.
އޭގެ ފަހުން 2010 ވަނަ އަހަރު އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މުޅިން މަނާކޮށްފައިވާއިރު، އެކަމާ ޚިލާފުވާނަމަ 1،500 ޔޫރޯއިން ޖޫރިމަނާ ކުރަން ވެސް ވަނީ ނިންމާފައެވެ.
ކުރިން 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ފަރަންސޭސިވިލާތުގެ ތައުލީމާބެހޭ ވަޒީރު ގެބްރިއަލް އައްޓަލް ވަނީ ދައުލަތުގެ ގަވާއިދުތަކާ ޚިލާފު އިސްލާމީ ހެދުމެއް ކަމަށް ވިދާޅުވެ ސްކޫލްތަކުގައި އަބާޔާ މަނާކޮށްފައެވެ.
ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ސެނެޓުން ވަނީ އެ ގައުމުގެ ކުޅިވަރު މުބާރާތްތަކުގައި ބުރުގާ އެޅުން މަނާކުރުމަށް ލާޒިމްކުރާ ބިލެއް ވެސް ފާސްކޮށްފައެވެ.