ކުރިއަށްއޮތް ތިން ދުވަހު ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ ސަރަހައްދުގައި މިފަހުން ފެށުނު ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު، ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ވަނީ ފެށިފައެވެ.
ހުޅަނގުމޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މޭ މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފެންނަން ފަށައެވެ. އޭގެ ފަހުން، މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.