ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، އެ ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ކުރައްވާ ތުހުމަތުތަކަށް އުޝާމް މިރޭ ރައްދު ދެއްވައިފައެވެ.
ސުއޫދާއި އަޒްމިރަލްދާއަކީ މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑުކުރި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ބޭފުޅުންނެވެ. އެ ބޭފުޅުންގެ އިތުރުން ފަނޑިޔަރު މަހާޒު އަލީ ޒާހިރު ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަނިކޮށެވެ.
ސުއޫދު ސަސްޕެންޑުކުރިތާ މާގިނަ ދުވަހެއް ނުވެ އިސްތިއުފާ ދެއްވިއެވެ. އޭނާ އާއި އަޒްމިރަލްދާ ވެސް ވަނީ އުޝާމް ހިމެނޭ ގޮތަށް ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށާއި މަގުސަދަކީ ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުން ކަމަށް ވިދާޅުވެފައެވެ.
މިރޭ ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގެން ކުރިއަށްގެންދިޔަ 'އަހާ' ފޯރަމްގައި މީހަކު ވަނީ، ސުއޫދާއި އަޒްމިރަލްދާ ކުރައްވާ ތުހުމަތާ ގުޅޭ ގޮތުން އުޝާމާ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ, ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އަދި ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެހެންވެ އޭނާ ސިޔާސީ ވާހަކަދައްކަވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
"މި ސަރުކާރު، ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެގެން މިދިޔަ މުއްދަތުގެ ތެރޭގައި އެކިއެކި ގޮތްގޮތުން ހުސްނުއްސުއޫދު އެކިއެކި މީހުން މެދުވެރިކޮށް ރައީސަށް ފޮނުވާފައި ހުރި މެސެޖުތަކާއި ރައީސާ ބައްދަލުވެގެން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރުގައި ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެ ބޭފުޅާ،" އޭނާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށާއި ޖުޑިޝަރީއަށް ވެސް ނުފޫޒު ފޯރުވީ ސުއޫދުކަން ވަރަށް ޔަގީންކަމާއެކު ދަންނަވަން އެނގޭ ކަމަށާއި، އެއްވެސް އިރެއްގައި މައްސަލަ ތަހުގީގުކޮށްފި ނަމަ އުޝާމަށް ޖަވާބުދާރިވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަޒްމިރަލްދާއަށް އުޝާމް ''އިންޒާރެއް ދެއްވި ކަމަށް'' އެ ކަމަނާ ތުހުމަތު ކުރައްވާފައިވާ ކަމަށާއި އެއީ ވެސް ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އުޝާމް އިޝާރާތް ކުރެއްވީ، ޖޭއެސްސީން ކުރިއަށްގެންދިޔަ ތަހުގީގުގައި އަޒްމިރަލްދާގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ސުޕްރީމް ކޯޓުން ބަލަމުންދިޔަ ދުސްތޫރީ މައްސަލައާ ގުޅިގެން އުޝާމް، އެހެން ފަރާތެއް މެދުވެރިކޮށް އަޒްމިރަލްދާއަށް މެސެޖެއް ޕާސްކުރި ކަމަށް ބުނެފައިވާ މައްސަލައަށެވެ.
އެ މެސެޖުގައި ވަނީ ޖޭއެސްސީގެ ކުރީގެ ރައީސް ހިސާން ހުސައިންގެ ދައުރުގައި އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ނުބަލައި، "ޕާކްކޮށްފައި" އެބައޮތްކަމަށާއި، އެ މައްސަލަ ވެސް ސުލޫކީ މައްސަލައެއްގެ ގޮތުގައި ނަގައި އަދި ވެސް ބެލިދާނެ ކަމަށް، ކަމަށް އަޒްމިރަލްދާ ވިދާޅުވެފައިވެއެވެ.
އެއީ ސީދާ ސަރުކާރުގެ ފަރާތުން އައި މެސެޖެއް ނޫން ނަމަވެސް ގަބޫލުކުރެވެނީ އެހެން މީހަކު މެދުވެރިކޮށް މައްސަލައިގައި އަޒްމިރަލްދާއަށް ނުފޫޒެއް ފޯރުވަން މަސައްކަތް ކުރީ ކަމަށް ވިދާޅުވެ ފަނޑިޔާރު ޖޭއެސްސީގައި ވާހަކަ ދެއްކެވިއެވެ.
އެ ތުހުމަތާ ގުޅޭ ގޮތުން އުޝާމް ވިދާޅުވީ، އަޒްމިރަލްދާ ފާހަގަކުރައްވައިފައިވަނީ އުޝާމާއި އޭނާގެ ރައްޓެއްސަކާ ދެމެދު ދެއްކި ވާހަކައެއް ކަމަށެވެ. އެ ރައްޓެއްސަކީ އުޝާމުގެ އިތުރުން އަޒްމިރަލްދާގެ ވެސް ރައްޓެއްސެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން އެ މީހަކު ގޮސް ދެއްކި ވާހަކައެއް އެއީ އެލިގޭޝަނެކޭ ވިދާޅުވަނީ، އެކަމަކު އެއީ އެހެން ހިނގައިދިޔަ ކަމެއް ވެސް ނޫން. އެކަމެއް ހިނގައިދިޔައީ ވެސް ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައިގެ ވެސް މާކުރިން. އެ ބޭފުޅުން ވަރަށް ކޮންވީނިއެންޓްލީ ނުދައްކާ ވާހަކައެއް އެއީ،" އުޝާމް ވިދާޅުވިއެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަ ރައްޓެހި މީހާއާ ދެއްކީ ފެބްރުވަރީ މަހުގެ ކުރީކޮޅު ކަމަށެވެ. އެއިރު ދުސްތޫރީ މައްސަލަ ތާވަލުވެސް ނުކުރާކަން އުޝާމް ފާހަގަކުރެއްވިއެވެ.
"އޭގެ ފަހުން ސުޕްރީމް ކޯޓުގައި މައްސަލައިގެ ދެ ހިޔަރިން ބޭއްވުނު. ތި ވިދާޅުވާ ދެ ފަނޑިޔާރުން އެ ހިޔަރިންގައި ތިއްބަވަންވެސް ތިއްބެވި. އަޅުގަނޑުމެން އެ މައްސަލައަށް އެގޮތަށް ނުފޫޒު ފޯރުވި ކަމުގައި ވަނީނަމަ ކީއްވެގެންތޯ އެއިރު އެ ވާހަކަ ވިދާޅުނުވީ؟" އޭނާ ސުވާލު އުފެއްދެވިއެވެ.
އުޝާމް ވިދާޅުވީ އެފަދަ ސީރިއަސް ތުހުމަތުތަކެއް ކުރިން ހާމަނުކުރައްވައި، ސުލޫކީ މައްސަލަ ބަލަން ފެށުމުން އެ ބޭފުޅުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވުމުން ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ތިއީ ހަމަ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނޭ. އަޅުގަނޑެއް ވެސް ރައީސުލްޖުމްހޫރިއްޔާއެއް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށްޓަކައި ހަމަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
މަހާޒާއި އަޒްމިރަލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި ސުލޫކީ މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. ނަމަވެސް އެ ދެ ބޭފުޅުން އެ ތުހުމަތުތައް ދޮގުކުރައްވައެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް މައްސަލަ ފޮނުވުމުން، އަޒްމިރަލްދާއާއި މަހާޒު ވެސް ޖަވާބުދާރީވާން ފުރުސަތަށް އެދިވަޑައިގަތެވެ. އެހެން ނަމަވެސް އެ ފުރުސަތު ނުދީ، ކޮމިޓީން ވަނީ ދެ ބޭފުޅުން ވަކިކުރަން މިދިޔަ އާދިއްތަ ދުވަހު ފާސްކޮށްފައެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށްވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްކުރެވޭނެއެވެ.