ރާއްޖެއަށް އެތެރެކުރާ ބަދިގޭ ސާމާނުތަކުގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރުން އިތުރުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކުރިޔަށް ގެންދިޔަ އަހާ ފޯރަމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެއީ ހިލަވެލި ފަދަ ކާގޯ ޝިޕްމަންޓުތަކުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރޭތޯއާއި، އެ ގޮތަށް އަންނަ ކާގޯ އިންސްޕެކްޓު ކުރުމުގައި ގެންގުޅޭ އުސޫލާ ގުޅޭ ގޮތުން ކުރި ސުވާލެކެވެ.
އިހުސާން ވިދާޅުވި ގޮތުގައި ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަނީ ޕޯސްޓުގެ ޒަރިއްޔާއިންނެވެ. ކޮވިޑުގެ ކުރިން ކަނޑުމަތިން މަސްތުވާތަކެތި އެެތެރެކުރާ ކަމަށް ފާހަގަކުރެވުނު ނަމަވެސް، އެ ތަކެތި އެތެރެ ކުރާ ގޮތްތައް މިހާރު ބަދަލުވަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އެހެން ނަމަވެސް ބާޖެއްގައި އެތެރެކުރި މުދަލުގެ ތެރެއިން މިދިޔަމަހުގެ ތެރޭގައި މަސްތުވާތަކެތި ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ. އިހުސާން ވިދާޅުވި ގޮތުގައި އެ ގޮތަށް ފާހަގަ ކުރެވިފައިވަނީ އެންމެ މައްސަލައެކެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން: ވިދާޅުވީ ބަދިގޭ ސާމާނުގެ ތެރޭ ފޮރުވައިގެން މަސްތުވާތަކެތި އެތެރެ ކުރުން އިތުރުވެފައިވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
އެހެން ނަމަވެސް ބަދިގޭ ސާމާނުގެ ތެރެއަށްލައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް އަވަންތަކުގެ ތެރޭގައި، މިކްސަރުތަކުގެ ތެރޭގައި، މެޓަލް ބޮޑީ ހުންނަ އެޕްލަޔަންސްތަކުގެ ތެރޭގައިި މި ކަން ކުރަމުން އަންނަކަން. އެހެންމާ މި މީހުން ފަހައި، ޓެކްޓިކްސް ފަހައި ދުވެގެންނެއް މިކަން ނެތް ވާކަށް. އަޅުގަނޑުމެން މިހާރު މި ދަނީ އެ މީހުން ގެންގުޅޭ ފައިސާއާ މަސްތުވާތަކެތީގެ ވިޔަފާރި ފަހައި. އެ ގޮތަށް މިކަން ކޮށްގެން ނޫނީ ހައްލެއް ނުވާނެ،" އިހުސާން ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅެނީ މަދު ބައެއް ކަމަށެވެ. އެ މީހުންނާ ގާނޫނު އަރައި ހަމަވާތަނުން، މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒުތަކުގެ ތެރޭގައި، މަސްތުވަތަކެތީގެ މައްސަލައެއް ދާއިމީ ހައްލެއް ހޯދުން ހިމެނެއެވެ. އެ މަސައްކަތަށް މި އަހަރު ނިމޭ އިރުވެސް ބޮޑު ކާމިޔާބީއެއް ލިބޭނެކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވެސް މަސްތުވާތަކެތީގެ ހާހެއްގައި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަ މިހާރުވަނީ ބަލައި ނިންމާފައެވެ.
ހޯމް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިވެރިންގެ ސަޕްލަޔަރުންތައް ހޯދައިގެން، އެ ވިޔަފާރީގެ އެންމެ ފުނުގައި ތިބި މީހުންނާމެދު ފިޔަވަޅު އެޅުމެވެ.