މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު ހުޅުމާލެއިން 60 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. މެޑޯސްވީޓް، މާލެ، އުމުރުން 60 އަހަރުގެ އަހްމަދު އަފީފުކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ހުކުރު ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގެ 10 ނަންބަރު ފްލެޓުން ކަމަށެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ވާގޮތުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުނެވެ. އެއާއެކު އޭނާ ހުއްޓުވައި އޭނާ ހުރިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައި ވެއެވެ.

ޢަފީފު އެއްލާލި ކަމަށް ފުލުހުން ބުނި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕަކެޓުތައް --- ފޮޓޯ/ ފުލުހުން
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި މިދިޔަ އަންގާރަ ދުވަހު ކަސްޓަމުން ވަނީ ހުއްޓުވައިފައެވެ. މަގުމަތީ އަގުން ބަލާނަމަ މިތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެކުރިން ވިދާޅުވެފައެވެ.