މިއަދު ވެސް މި ފެންނަނީ ފަނޑިޔާރުގެއަށް އަތްބާނާ މަންޒަރު: އަޒާން

މެންބަރު އަޒާނާއި ރައީސް މުހައްމަދު މުއިއްޒު: އަޒާން ވިދާޅުވީ، މިއަދު ވެސް މި ފެންނަނީ ފަނޑިޔާރުގެއަށް އަތްބާނާ މަންޒަރު -- ފޮޓޯ/ އަޒާން، ފޭސްބުކް

މިއަދު ވެސް މި ފެންނަނީ މާޒީގައި ފެނުނު ގޮތަށް ފަނޑިޔާރުގެއަށް އަތްބާނާ މަންޒަރު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު އަހުމަދު އަޒާން މަރްޒޫގު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ނިންމައި، ތަޅުމަށް ހުށަހަޅައިފައެވެ.

އެ މައްސަލަ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މެންބަރު އަޒާން ވިދާޅުވީ، ފަނޑިޔާރުގެއަކީ ވެރިކަމުގައި އެ ވަގުތަކު ތިބޭ ފަރާތްތަކުން ނުފޫޒު ފޯރުވައި އަތްބާނާ ތަނަކަށް ހަދާފައިވާ ކަމަށެވެ. މިއަދު ވެސް ތަކުރާރުވަމުން އަންނަނީ އެ މަންޒަރުކަން ފާހަގަކުރައްވައި، ބަޔަކު ގޯސްކޮށް އަމަލުކުރުމަކީ އެކަން އެގޮތަށް ތަކުރާރުކުރަންޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރިހާކުރު ފުޅި ވަގަށް ނެގި މީހާ އަދިވެސް ޖަލުގައި. ފައިވާނެއް ވަގަށް ގެންދިޔަ މީހަކު ފަސް ދުވަހަށް ބަންދު ޖެހީ މިދިޔަ ހަފުތާގައި. އެކަމަކު، ބޮޑެތި ވައްކަންކޮށް ދައުލަތް ލޫޓުވާ މީހުން މި އުޅެނީ މިނިވަންކޮށް. އަދުލު އިންސާފަކީ މި ގައުމުގަ ދެރަ ނިކަމެތިންނަށް ލިބޭ އެއްޗެއް ނޫން،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން: އޭނާ ވަނީ ފަނޑިޔާރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވާން ފުރުސަތު ދެއްވަން އެދިވަޑައިގެންފައި -- ފޮޓޯ/ މަޖިލީސް

އޭނާ ވިދާޅުވީ، ފެހި ގާނޫނުއަސާސީ އެކުލަވައިލި ފަހުން ކޮންމެ ސަރުކާރަކުން ވެސް ފަނޑިޔާރުގެއަށް އަތްބޭނި ކަމަށެވެ.

"މިއަދުވެސް ތަކުރާރުވަމުން މިދަނީ މާޒީގައި ތަކުރާރުވި މަންޒަރު. ބަޔަކު ގޯސްކޮށް ކަމެއް ކުރުމަކީ އަޅުގަނޑުމެން އެކަން އެގޮތަށް ކުރަންޖެހޭ ސަބަބެއް ނޫން،" އަޒާން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކޯޓުގައި ތިބެން ޖެހޭނީ ނަޒާހާތްތެރި ފަނޑިޔާރުން ކަމަށެވެ. އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެ މައްސަލައެއް ބަލަން ޖެހޭނެ ކަމަށާއި އެކަމަކު އެކަން ކުރަން ވާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން ކުރިއަށް ގެންގޮސްފައި މިވަނީ މި ދެންނެވި ހަމައަކުން ނޫން. މައްސަލައިގެ އަޑު އެހުންތައް ސިއްރު، އަދި މި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީގެ ރިޕޯޓު ދިރާސާކުރަން ބޭއްވި އަޑު އެހުންތައް ވެސް ސިއްރު،" އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"މި މައްސަލަ ރައްދުވާ ފަނޑިޔާރުން، ދިފާއުވުމަށް ހުށަހެޅި ހެކިތައް ބަލައިނުގަންނަން ޖޭއެސްސީ ނިންމި. އަދި ފަނޑިޔާރުންނަށް ދިފާއުގަ ބަހެއް ބުނެލާނެ ފުރުސަތު މަޖިލީހުގެ ކޮމިޓީން ވެސް ނުދޭ،"

https://sun.mv/206004

އަޒާން ވަނީ މި މައްސަލައިގައި ބައިނަލްއަގުވާމީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ވެސް ފާހަގަކުރައްވައިފައެވެ. އެ ގޮތުން، އދ. އާއި ކޮމަންވެލްތު އަދި އެކުވެރި ގައުމުތަކުގެ ބާ ކައުންސިލްތަކުން ވެސް މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، މި މައްސަލައިގައި ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

"މިއަދު ސުޕަ މެޖޯރިޓީ އޮތީމާ ބޭނުން ކަމެއް ކުރެވިދާނެ. އެކަމަކު، އިންސާފުން އެއްކިބާވެ، ބަޔަކު މީގެ ކުރިން މިހެން ކަންކޮށްފައި އޮތީމާ، ހަމަ އެގޮތަށް ކަންތައް ކުރުމަކީ އަޅުގަނޑުމެން ކޮށްފައިވާ ހުވަޔާ ހިލާފު ކަމެއް. އަޅުގަނޑު އިއްޒަތެރި މަޖިލީހުގެ މެންބަރުން ކިބައިން އަދަބުވެރިކަމާ އެކު މި އެދެނީ މި ނޫން ދުވަހެއް އަދި އަންނާނެކަން އެނގިތިބެ މިއަދު ގޮތެއް ނިންމެވުމަށް،" އޭނާ ވިދާޅުވިއެވެ.

ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލަ ބަލަން ފެށިތަނާއެވެ. އެ ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ފަށަން 15 މިނެޓަށްވެފައި އޮއްވައެވެ.

https://sun.mv/206006

އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސޫއުދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އަނެއް ދެ ފަނޑިޔާރުން ކަމަށްވާ މަހާޒާއި އަޒްމިރަލްދާ މަގާމުން ވަކިކުރަން ނިންމައި، އެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ ތަޅުމުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ޖޭއެސްސީން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައިފައެވެ. ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ވެސް ވަނީ އެ ފުރުސަތު ނުދޭން ނިންމައިފައެވެ.

ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

comment ކޮމެންޓް