ޣައްޒާގެ ރައްޔިތުން ގަސްދުގައި ބަނޑަށް މެރުމަކީ މުޅި ދުނިޔެ ލަދުގަންނަންޖެހޭ ކަމެއް: މެކްރޯން

ފަރަންސޭސި ރައީސް މެކްރޯން

ޣައްޒާ (14 މެއި 2025) : ޣައްޒާގެ ރައްޔިތުން ކާބޯތަކެތިން މަހުރޫމްކޮށް ހައިހޫނު ކަމުގައި ގަސްދުގައި އެ މީހުން ބަނޑަށް މަރަމުން ގެންދިޔުމަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ނެތް އަނިޔާވެރިކަމުގެ ޖަރީމާއެއްކަމަށް ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ސިފަކުރައްވައިފިއެވެ.

ފަރަންސޭސިވިލާތުގެ ޓީއެފްވަން-1 ނިއުސް ޗެނެލަށް ދެއްވި ބަސްދީގަތުމެއްގައި މެކްރޯން ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ޣައްޒާގެ ބޯޑަރުގައި އެބަހުރިކަމަށާއި ޣައްޒާއަށް ވެއްދުމުގެ ހުއްދަނުދޭތީ އެ ތަކެތި ކުނިވެ ހަލާކުވަމުން ދާކަމުގައެވެ.

މެކްރޯން ވިދާޅުވީ ކާބޯތަކެތި ނުދީ އިންސާނުން ހައިހޫނުކަމުގައި މެރުމަކީ މުޅި އިންސާނިއްޔަތު ލަދުގަންނަންޖެހޭ ކަމެއްކަމަށާއި އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ލަދުގަންނަންޖެހޭ ހިސާބަށް ހިނގައްޖެކަމަށެވެ.

ޣައްޒާގައި ބޯފެނާއި ކާއެއްޗެތީގެ އިތުރުން ބޭސް ނެތްކަމަށާއި އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ފަރުވާދެވެންނެތްތާ އެތައް ދުވަހެއް ވެފައިވާކަން ވެސް މެކްރޯން ފާހަގަކުރެއްވިއެވެ.

"އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެ ހިންގަނީ މުޅި އިންސާނިއްޔަތު ލަދުގަންނަންޖެހޭ ލާއިންސާނީ އަމަލެއް،" ޓީއެފްވަން 1 ނިއުސް ޗެނެލްއަށް ދެއްވި ބަސްދީގަތުމުގައި މެކްރޯން ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި މަރަމުން ގެންދާއިރުވެސް އދ. ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އެއްވެސް މަސައްކަތެއް އެ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދުނިޔޭގެ ބޮޑެތި ބާރުތަކުން ނުކުރެއެވެ.

އިސްރާއީލުން ސިޔާސީ ބޭނުމަށް ޣައްޒާ ގެ އާންމުން ބަނޑަށް ޖައްސަނީ

ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތް ވެސް ހިމެނެއެވެ. މީގެއިތުރުން ފަރަންސޭސިވިލާތް ހިމެނޭގޮތަށް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި ވަކާލާތުކުރާ ހުޅަނގުގެ ވަކިވަކި ގައުމުތަކުން ވެސް މި މައްސަލައިގައާއި، އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާ ގުޅިގެން ވެސް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅައެވެ.

އެ ގައުމުތަކުން މިހާރު ވެސް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުން ގެންދެއެވެ. ނަމަވެސް ހުޅަނގުގެ މި ގައުމުތަކަކީ މިއަށްވުރެ މާ ކުދިކުދި ކަންކަމުގައި އީރާނާއި ރަޝިއާ އަދި ވެނެޒުއެލާ އުތުރު ކޮރެއާ ފަދަ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ އަޑުތައް ދުނިޔެ ''ކުޑަކުރާ" މިންވަރަށް ފަތުރަމުން ގެންދާ ގައުމުތަކެކެވެ.

އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ ކުރިން އިރާގާ ދެކޮޅަށް ވެސް އެތައް ސަތޭކަ ފިޔަވަޅުތަކެއް އެމެރިކާއާއި ޔޫރަޕް އިސްކޮށް އޮވެގެން ސަލާމަތީ މަޖިލިސް މެދުވެރިކޮށް އެޅިއެވެ. އަދި އެ ގައުމުތަކުން ވަކިވަކިން ވެސް ފިޔަވަޅުތައް އެޅިއެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުން ކާބޯތަކެތިން މަހުރޫމްކޮށް އެ މީހުން ބަނޑަށް މަރަމުން ގެންދާއިރު ވެސް އިންސާނީ ހައްގުތަކުގެ ނަމުގައި އެހެން ގައުމުތަކަށް ފިލާވަޅުދީ ޑިކްޓޭޓްކުރާ ޔޫރަޕްގެ އިއްތިހާދު ވެސް އިސްރާއީލާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެއެވެ. އެންމެ ކުޑަވެގެން ޑިޕްލޮމެޓިކް ފިޔަވަޅެއް އެޅުމަށް ވެސް ވަނީ ފަސްޖެހިފައެވެ. ޔޫރަޕްގެ މަދު ގައުމަކުން ނޫނީ އިސްރާއީލަށް ހަތިޔާރު ވިއްކުން ވެސް ހުއްޓާލާފައެއް ނުވެއެވެ.

ޣައްޒާގެ ރައްޔިތުން ކާބޯތަކެތިން މަހުރޫމްކޮށް އެމީހުން ބަނޑަށް މަރަމުން ގެންދާ މައްސަލާގައި އިނގިރޭސި ބޮޑުވަޒީރު ކެއިރު ސްޓާމާ ވެސް ވަނީ މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. ނަމަވެސް އިސްރާއީލާ ދެކޮޅަށް ފިޔަވަޅެއް އަޅާނެހާ ހިތްވަރެއް އޭނާގެ ކިބައިން ވެސް ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް