ކެރިވަޑައިގަންނަވާނަމަ ވެރިކަމުގައި ހުންނަން ރައްޔިތުން އެދޭތޯ ބެލުމަށް, ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރޭ ޗެލެންޖުކުރައްވައިފިއެވެ.
ޔާމީން އެފަދައިން ވިދާޅުވީ، އަމިއްލަފުޅު ޕާޓީ ޕީއެންއެފްގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، މިހާރު ރައީސް މުއިއްޒު ފެނިވަޑައިގަންނަވަނީ ސޯޝަލް މީޑިއާގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެ މަނިކުފާނަށް ކެރިވަޑައިގަންނަވާނަމަ މިހާރު ރައީސުލްޖުމްޙޫރިއްޔާކަމުގެ މަގާމުގައި ދެމިހުންނެވުމާ ގުޅޭ ގޮތުން ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވަންވީ ނޫންތޯ ވަނީ ސުވާލުކުރައްވައިފައެވެ.
އަޅުގަނޑު ޗެލެންޖުކޮށްލާފައި މި ދަންނަވަނީ އެނގޭތޯ. މުއިއްޒު ވަޑައިގެން ބައްލަވާ ރިކޯލް ވޯޓަކަށް. ރައްޔިތުންގެ ކިހާ ތާއީދެއް އޮތްތޯ. [އިކޮނޮމިކް މިނިސްޓަރު މުހައްމަދު] ސައީދު އެ ވިދާޅުވަނީ ނޫންތޯ ރައްޔިތުންގެ ތާއީދު އެބައޮތޭ. [ވޯޓެއް ނަންނަގަވާ] ތިމަންނަ [ރައީސް މުއިއްޒު] މި މަގާމުގައި، ރައްޔިތުންނަށް މި ދޭ ފުރިހަމަ ޚިދުމަތް ދިނުމަށް ހުންނަން ކަލޭމެން [ރައްޔިތުން] ބޭނުންތޯ؟ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު ވަނީ ވަރަށް ގިނަ ކަންތައްތަކުގައި އެ މަނިކުފާނު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައެވެ.
އެގޮތުން، މި ފަހުން ވެސް އެ މަނިކުފާނު ވަނީ 'ޖެނަރޭޝަނަލް ބޭން' ގެ ދަށުން ޖީލަކަށް ދުންފަތް މަނާކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ޕޯލެއް ހައްދަވާފައެވެ. އެހެންނަމަވެސް އަމަލުކުރެއްވީ އެ ޚިޔާލާ ޚިލާފަށެވެ. ދުންފަތް މަނާކުރެއްވީ ރައްޔިތުން އެދުނު 2،000ގެ ޖީލުގެ ބަދަލުގައި 2007ގެ ޖީލަށެވެ.
ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ޔާމީންގެ ޕީއެންއެފްގެ ޖަލްސާގައެވެ.
ޔާމީނާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވެސް އަބަދު ދައްކަވާ އެއް ވާހަކައަކީ ރައީސް މުއިއްޒުގެ ނިންމެވުންތަކާ އިދިކީއްޔަށް ކަންކަން ބަދަލުކުރައްވާ ވާހަކައެވެ. ނިންމެވުންތަކުގައި އެއްވެސް ހަރުދަނާ ކަމެއް ނެތް ވާހަކައެވެ.