ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުން ވަކިކުރި މުހައްމަދު ވަޖީހު އިބްރާހިމާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ކަމުން އަމިއްލައަށް އިސްތިއުފާދެއްވި މުއާޒް މުހައްމަދު ރަޝީދާ ދެ ބޭފުޅުން ރޭ ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އައްޔަންކުރައްވައިފިއެވެ.
ދެ ބޭފުޅުން ވެސް މެންބަރުންގެ މަޖިލީހަށް އައްޔަންކުރައްވާތީ އިގުރާރު ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޕީއެންސީން ރޭ ބޭއްވި ސެނެޓު ބައްދަލުވުމެއްގައި ޕީޕީއެމްގައި ކުރިން ތިއްބެވި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ ޕީއެންސީގެ ނައިބު ރައީސްކަމަށް ހަމަޖައްސައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުން ނޮވެންބަރު 26 ގައި އިސްތިއުފާދެއްވި އިސްމާއީލް ސުހައިލް ވަނީ ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް ހަމަޖައްސައިފައެވެ. މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ކުރިން ޕީޕީއެމްގައި ތިއްބެވި ބޭފުޅުން ރޭ ވަނީ ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް ހަމަޖައްސައިފައެވެ.

ޕީއެންސީގެ ސެނެޓު ބައްދަލުވުމުގެ ތެރެއިން: ގިނަ ބަޔަކު ވަނީ މެންބަރުންގެ މަޖިލީހަށް ހަމަޖައްސާފައި -- ފޮޓޯ/ ޕީއެންސީ
ފެނަކައިގެ އެމްޑީކަމުން މުއާޒް އިސްތިއުފާދެއްވީ ޑިސެންބަރު 23، 2024 ގައެވެ. އޭގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ރައީސް މުއިއްޒާ ގުޅުން ގޯސްވެފައި އޮއްވައި ވަޖީހު އެމްޕީއެލްއިން ވަކިކުރީ މި އަހަރުގެ ފެބްރުވަރީ ދެވަނަ ދުވަހެވެ.
މަގާމުތަކުން ވަކިކުރުމާ އެކު ދެ ބޭފުޅުން ވެސް ސިޔާސީ މައިދާނުން ފެނިފައެއް ނުވެއެވެ.
ފެނަކައިގެ އެމްޑީކަމުން މުއާޒް އިސްތިއުފާދެއްވީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުންނާއި ސިޔާސީ އެކިއެކި ސަބަބުތަކާ ހުރެ ކުންފުނި ހިންގަން ދަތިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ސިޔާސީ ހަރަކާތްތަކުން އޭނާ ފެނިފައެއް ނުވެއެވެ.

ޕީއެންސީގެ ސެނެޓު ބައްދަލުވުން ތެރެއިން ރައީސާއި އަބްދުއްރަހީމް: ދެ ބޭފުޅުންގެ ގުޅުން ގޯސްނުވާ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ޕީއެންސީ
ޓޫރިޒަމް މިނިސްޓަރުކަމުގައި ކުރިން ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަކިކުރުމާ އެކު އަބްދުއްރަހީމާއި ރައީސްގެ ގުޅުން ގޯސްވެފައިވާ ކަމަށް އެ މަނިކުފާނު އެއްބަސްވެލެއްވިއެވެ. އެއަށް ފަހު، ދުވަސްތަކެއް ވަންދެން ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުން ވެސް އަބްދުއްރަހީމެއް ނުފެނެއެވެ. އަބްދުއްރަހީމާއި ގުޅުން އޮންނަ ވަޖީދު މަގާމުން ވަކިކުރީ އެ ދުވަސްވަރެވެ.
އެކަމަކު، ރައީސާއި އަބްދުއްރަހީމްގެ ގުޅުން ގޯސްނުވާ ކަމަށާއި އަދިވެސް އެ ރަހުމަތްތެރިކަން އެބައޮތް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެ ކަންތައްތަކަށް ފަހު ދުވަސްތަކެއް ވަންދެން ސިޔާސީ ކަންކަމުން ނުފެނުނު ނަމަވެސް އަބްދުއްރަހީމް މިހާރު ގެންދަވަނީ ޕީއެންސީގެ ހަރުގެ ޖަލްސާތަކަށް ވެސް ވަޑައިގަންނަވަމުންނެވެ. އަދި، އެކިއެކި ހަފުލާތަކާއި ޖަލްސާތަކުން ރައީސްގެ އަރިހުން ފެނެއެވެ.