ރައީސުލްޖުމްޙޫރިއްޔާ ބްރޯޑްކޮމަށް ރިޟުވާން އައްޔަނުކުރައްވައިފި

ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާން: ރައީސުލްޖުމްޙޫރިއްޔާ ބްރޯޑްކޮމަށް ރިޟުވާން އައްޔަނުކުރައްވައިފި --

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާން މިއަދު އައްޔަނުކުރައްވައިފިއެވެ.

ރިޟުވާން، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން މިދިޔަ އަންގާރަ ދުވަހު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ 70 މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ ބްރޯޑްކޮމްގެ ނައިބު ރައީސަކަށް މީގެ ކުރިން ހުންނެވި މުހައްމަދު ފަޒީން މާރިޗު މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އައްޔަނުކުރުމަށް ރައީސް އޮފީހުން އޭޕްރިލް މަހު ހުޅުވައިލި ފުރުސަތުގައެވެ.

ބްރޯޑްކޮމް މެންބަރުކަމަށް ބޭފުޅަކު އައްޔަނުކުރުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މާކްސް ދިން އިރު ރިޟުވާން އިނީ ލިސްޓުގެ ހަތަރު ވަނައިގައެވެ. އެއީ:

  • ޒީނާ ޒާހިރު - 85 އިންސައްތަ
  • އާއިޝަތު ޝިޔާނާ - 83 އިންސައްތަ
  • ޝިމްލާ އަހުމަދު - 82 އިންސައްތަ
  • މޫސާ ރިލްވާން - 81 އިންސައްތަ
  • ޒަމްއަތު އަހުމަދު ވަހީދު - 77 އިންސައްތަ

ނަމަވެސް ލިސްޓުގެ ކުރީގައި ތިބި ތިން ބޭފުޅުންގެ ނަން ވެސް ފާހެއް ނުވިއެވެ.

ރިޟްވާން މީޑިއާގައި މަސައްކަތްކުރަންފެށީ 2008 ވަނަ އަހަރު ޓީވީއެމްއިންނެވެ. އެގޮތުން ޕްރެސެންޓަރެއްގެ ގޮތުގައާއި ޕްރޮޑިއުސަރެއްގެ ގޮތުގައި ޓީވީއެމްގައި މަސައްކަތް ކުރައްވައިފައިވެއެވެ. އޭގެ އިތުރުން ފާއިތުވި މުއްދަތުގައި މެދުކެނޑުމެއްނެތި 17 އަހަރު ޓީވީއެމްގައި އޭނާ ވަނީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ތިން އަހަރު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ޓީވީއެމްގައި މަސައްކަތްކުރެއްވިއެވެ.

މީޑިއާ ދާއިރާގައި ޕްރޮގްރާމް އުފެއްދުމާއި ޕްރޮގްރާމް ހުށަހެޅުމުގެ އިތުރުން، 2024 ވަނަ އަހަރު އަލަށް ތައާރަފްވި 'މެންދުރު ޓީވީ' އާއި 'މެންދުރު އޮންލައިން' ފަށައިގަތްއިރު އެ ދެ މީޑިއާގެ ސީއޯއޯ އަކަށް ހުންނެވީ ވެސް ރިޟްވާނެވެ.

ރިޟްވާން 2017 އާއި 2024 ވަނަ އަހަރާއި ދެމެދު މަސައްކަތްކޮށްފައި ވަނީ ބޭރުގެ އެހީގައި ރާއްޖޭގައި ހިންގި ތަފާތު މަޝްރޫއުތަކުގެ ކޮމިއުނިކޭޝަނާއި ގުޅޭ މަސައްކަތް ތަކުގައެވެ. އެގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ދަށުން ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)، ވޯލްޑްބޭންކް އަދި ޑަބްލިއުއެޗްއޯ ފަދަ ޖަމިއްޔާތަކުން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގައި ކޮމިއުނިކޭޝަން ސްޕެޝަލިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ.

ރިޟްވާނަކީ އިޖްތިމާއީ ރޮނގުން ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އޮގޮތުން ސްކައުޓް ހަރަކާތުގައި އޭނާ ގެންދަވަނީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ފަންނީ ތަމްރީންތައް ފުރިހަމަކޮށް އެ ހަރަކާތްތެރިވެލައްވަމުންނެވެ. އަދި ސްކައުޓް ލީޑަރެއްގެ ގޮތުގައި މާލޭގެ ބައެއް ސްކޫލުތަކުގައި މަސައްކަތް ކުރެއްވިއެވެ. އަދި ސްކައުޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގައި ނެޝަނަލް ކޮމިޝަނާ ފޯ އެޑަލްޓް ރިސޯސަސްގެ މަގާމު ފުރުއްވިއެވެ.

އޭނާ ވަނީ ތައުލީމީ ރޮންގުން، ބެޗެލާ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ހާސިލްކުރައްވާފައެވެ.

އަދި މާސްޓާސް ހައްދަވަމުންގެންދަވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

comment ކޮމެންޓް