ގޭންގުތައް ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބޭ ގޮތަށް އަދަބުތައް ހަރުކަށިކޮށް، ގޭންގު ބިލު ފާސްކޮށްފި

ފެބްރުއަރީ 26، 2021: މާލޭގައި ބޭއްވި އެއްވުމެއްގައި އެސްއޯ ފުލުހުން: ގޭންގުތައް ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބޭ ގޮތަށް އަދަބުތައް ހަރުކަށިކޮށް، ގޭންގު ބިލު ފާސްކޮށްފި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި ގޭންގުތައް ކަނޑައެޅުމުގެ ފުލް ކޮންޓްރޯލް ކޯޓަށް ލިބޭ ގޮތަށް، ގޭންގު ކުށްތަށް ހުއްޓުވުމަށް ހަރުކަށި އަދަބު ލިބޭހެން ފަރުމާކޮށް ހުށަހެޅި ބިލު، މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މި ދައުރުގެ އެންމެ ފަހު ޖަލްސާގައި އެ ބިލު ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކުއެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދިން ނަމަވެސް އެމްޑީޕީގެ 11 މެންބަރަކު ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ނުދޭށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައި ވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިނެވެ.

ބިލު ހުށަހެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމެވެ. އަދި ކަމާގުޅޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި، ހަރުދަނާ ގޮތެއްގައި އަދަބު ތަންފީޒުކުރުމެވެ.

މި ބިލުގައި ބުނެފައިވާ ގޮތުގައި މި ގާނޫނު އުފެއްދުމުގެ ބޭނުމަކީ:

  • ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅުން.
  • އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުން.
  • ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ރައްކާތެރިކޮށް، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުން.
  • ކުށްކުރާ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ޚާއްސަ އުސޫލުތައް ކަނޑައެޅުން.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މި ބިލުގެ ފުރަތަމަ ޑްރާފްޓް އެކުލަވައިލި އިރު ގޭންގުތަކާއި ގޭންގު ލީޑަރުން އަދި ގޭންގުތަކުގައި އުޅޭ މެމްބަރުން ކަނޑައެޅުމުގެ ބާރު ހޯމް މިނިސްޓަރާއި ފުލުހުންނާއި ސިފައިން ހިމެނޭ ކޮމިޓީއަކަށް ލިބޭ ގޮތަށް އޮތެވެ. ނަމަވެސް ކޮމިޓީން މަޖިލީހަށް ބިލު ހުށަހެޅިއިރު އެ މާއްދާ ވަނީ އުނިކޮށްފައެވެ.

މިހާރު އޮތް ގޮތުން ނަމަ ވަކި ޖަމާއަތަކީ އިންތިޒާމްވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައެޅުމުގެ ބާރު ހައިކޯޓަށް ލިބިގެންދެއެވެ. އެގޮތަށް ކަނޑައެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ހައިކޯޓަށް ހުށަހެޅޭނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި އެހެނިހެން ހެކިތަކާއެކު ކޮމިޝަނާ އޮފް ޕޮލިސް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ގޭންގެއްގެ މެންބަރެއް ކަމަށް ކަނޑައަޅާފައިވާ މީހަކު ދައުލަތުގެ ވަޒީފާއެއްގައި ހުރި ނަމަ، އެ މީހަކު ވަޒީފާއިން ވަކި ކުރަންޖެހޭ ކަމަށާއި ދައުލަތުން ވަޒީފާ ވެސް ދީގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ބިލުގައި ވަނީ ގޭންގެއްގެ ބައެއް ސިފަތައް ކަމަށް ބެލެވޭ ނިޝާންތައް ބަޔާންކޮށްފައެވެ. އެގޮތުން ވަކި ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ހިމެނެއެވެ. އަދި އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރުން ވެސް ހިމެނެއެވެ.

މި ބިލުގައި އިންތިޒާމްވެގެން ކުރާ ބޮޑެތި ކުށްތައް ވަނީ ބަޔާންކޮށްދީފައެވެ. އެއީ:

  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް.
  • މީހުން ޓްރެފިކްކުރުމުގެ ކުށް.
  • ރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް.
  • ކޮއިން ނުވަތަ ނޫޓު ކައުންޓާފީޓްކުރުމުގެ ކުށް.
  • ނުރައްކާތެރި ކުށް؛ އޭގެ ތެރޭގައި ހިމެނެނީ: މީހަކު މަރާލުން، މާރާމާރީ ހިންގުން، މީހަކަަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕް ކުރުން އަދި މީހަކަށް ބިރު ދެއްކުން ފަދަ ކުށްތަކަށް.
  • އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ކަނޑައެޅިފައިވާ އެންމެހާ ކުށްތައް.

ގޭންގު ކުށްތަކުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައި، ގޭންގު ކުށްތައް ހުއްޓުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/204500

ރާއްޖޭގައި އުޅޭ ނަން މަޝްހޫރު ބޮޑެތި ގޭންގުތަކުގެ ކަންތައްތައް އެއްކޮށް ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އިހުސާން ވިދާޅުވީ ގޭންގުތައް ހުއްޓުވޭނޭ ކަމުގެ 100 ޕަސެންޓް ޔަގީންކަން މިހާރު އެބައޮތް ކަމަށެވެ. އަދި އެކަން ކުރެވޭނޭ ގާބިލުކަން އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އެބަހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި 83 ގޭންގު އުފެދިފައިވާ ކަމަށާއި، އެ ގޭންގުތަކުގައި 97 ކުޑަކުދީން ޝާމިލުވާ ކަމަށް ހޯމް މިނިސްޓްރީން އޭޕްރީލް 07، 2025ގައި ވަނީ ބުނެފައެވެ. އެ ގުރޫޕުތަކުގައި އެކްޓިވްކޮށް 3،500 އަށް ވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާއިރު، މާލޭގައި އެކަނި 45 ގޭންގު އޮންނަ ކަމަށް ބުނެފައިވެއެވެ.

އެގޮތުން، މާލޭގައި އުފެދިފައިވާ ގޭންގުތަކުގައި 85 ކުޑަކުދިންނާއި 2،500އަށް ވުރެ ގިނަ މެންބަރުން ހިމެނެއެވެ. އަދި، 31 ގޭންގެއް އަތޮޅުތެރޭގައި އޮންނައިރު، 10 ކުޑަކުދިންނާއި ހާހަކަށްވުރެ ގިނަ މެންބަރުން އެ ގުރޫޕުތަކުގައި ހަރާކާތްތެރިވެއެވެ.

comment ކޮމެންޓް