މީގެ ކުރިން ވެސް އެކީގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ ފިލްމު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާއި އެކްޓަރު އާމިރު ޚާން ވަރަށް ތާރީޚީ ބައޮޕިކްއެއްގައި މަސައްކަތް ކުރަން ނިންމިކަން އިއުލާނުކޮށްފިއެވެ.
ކާމިޔާބު ފިލްމުތައް ސިނަމާއަށް ގެނެސްދީފައިވާ ރާޖްކުމާރު ހިރާނީގެ ކުރިއަށް އޮތް ފިލްމަކީ އިންޑިއަން ސިނަމާގެ ބައްޕަގެ މަގާމު ގިނަ ބަޔަކު ދީފައިވާ ދާދާސާހެބް ޕަލްކޭގެ ހަޔާތުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ތާރީޚީ ބައޮޕިކްއެކެވެ.
މި ބައޮޕިކް އުފެއްދުމުގެ މަސައްކަތުގައި އުޅޭ ޓީމާ އެކު ވަރަށް ގާތުން މަސައްކަތް ކުރާ ފަރާތަކުން ބޮލީވުޑްހަންގާމާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މި ބައޮޕިކް އުފެއްދުމުގެ މަޝްވަރާތައް ކުރެވެމުން އަންނަތާ މިހާރު ހަތަރު އަހަރު ވެފައިވާ ކަމަށެވެ.

އިންޑިއާގެ ފުރަތަމަ ދިގު ފީޗަ ފިލްމެއް ސިނަމާއަށް ގެނެސްދިން ދާދާސާހެބް ޕަލްކޭ--ފޮޓޯ/އެންޑީޓީވީ
އާމިރުގެ ދިގު ފިލްމީ ކެރިއަރުގައި އެކްޓަރު މަސައްކަތްކުރާ ފުރަތަމަ ބައޮޕިކް ފިލްމަކީ ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށްފަހު އުފައްދަން ނިންމާފައިވާ ފިލްމެކެވެ. މިއީ ހަމައެކަނި ބައޮޕިކްއެއް ނޫން ކަމަށާއި މިއީ އިންޑިއަން ސިނަމާއަށް ދެވޭ ވަރަށް ބޮޑު ޓްރިބިއުޓަކަށް ވާނެ ކަމަށް ބޮލީވުޑްހަންގާމާގައި ވަނީ ބުނެފައެވެ.
މި ފިލްމުގައި ޕަލްކޭގެ ސިނަމާއާ މެދު ދުށް ވިޝަން އާއި އެއްގޮތަށް އިންޑިއާގެ ސިނަމާގެ ލެގަސީ ދެމެހެއްޓުމަށް އޭނާ ކުރި ތާރީޚީ މަސައްކަތް ވަރަށް ރަނގަޅަށް ދައްކުވައިދޭނެއެވެ.
ދާދާސާހެބް ޕަލްކޭގެ ނަމުން ވެސް މަޝްހޫރު ވެފައިވާ ދޫނޑިރާޖް ގޯވިންދު ޕަލްކޭއަކީ އިންޑިއާގެ ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރުމުގެ އިތުރުން ސްކްރީން ލިޔުންތެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
އިންޑިއާގެ ސިނަމާގެ ބައްޕަގެ ލަގަބު ވެސް ހޯދާފައިވާ ދާދާސާހެބް 1913 ވަނަ އަހަރު އަލަށް އުފެއްދި ފިލްމު "ހަރިޝްޗަންދްރާ" އަކީ އިންޑިއާގެ ސިނަމާގެ ފުރަތަމަ ފީޗާ ފިލްމުގެ ގޮތުގައި މަޝްހޫރުވި އިންޑިއާގެ ފުރަތަމަ ދިގު ފިލްމެވެ.
ރާޖްކުމާރު ހިރާނީ އެންމެ ފުރަތަމަ ސިނަމާއަށް ގެނެސްދިން ބައޮޕިކް އަކީ އިންޑިއާގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ގެނެސްދިން "ސަންޖޫ" ފިލްމެވެ.
އާމިރާ އެކު ރާޖްކުމާރު ހިރާނާ އަލަށް ފަށާ ބައޮޕިކްގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރު މަހުތެރޭ ފެށުމަށް ނިންމާފައިވާއިރު އާމިރު ވަނީ ރާޖްކުމާރު ހިރާނީ އުފެއްދި "3 އިޑިއަޓްސް" އަދި "ޕީކޭ"ގައި މަސައްކަތްކޮށްފައެވެ. މި ދެ ފިލްމަކީ ވެސް އާމިރުގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތެރޭ ހިމެނޭ ދެ ފިލްމެވެ.
އާމިރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިއަށް އޮތް ޖޫން މަހުގެ 20ގައި ރިލީޒްކުރާ ފިލްމު "ސިތާރޭ ޒަމީން ޕަރު"އިންނެވެ.