އަންނަ މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބޮލީވުޑް ފިލްމު "ސިތާރޭ ޒަމީން ޕަރު" ބޮއިކޮޓްކުރުމަށް އިންޑިއާގެ ގިނަ ބަޔަކު އިންޓަނެޓުގައި ގޮވާލައިފިއެވެ.
ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ލީޑް ރޯލް ކުޅެ އެކްޓަރުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން ގެނެސްދޭ "ސިތާރޭ ޒަމީން ޕަރު" ބޮއިކޮޓް ކުރުމަށް ބަޔަކު މީހުން ގޮވަން ފެށީ އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފެށި އަސްކަރީ ހަރަކާތް "އޮޕަރޭޝަން ސިންދޫރު"އަށް އެއްބާރުލުން ދިނުމުގެ ގޮތުން އެއްވެސް ވާހަކައެއް އެކްޓަރު ދައްކާފައި ނުވާތީއެވެ.
އިންޑިއާއާއި ޕާކިސްތާނުގެ މަސްރަހު ގޯސްވެ ދެ ޤައުމުގެ އަސްކަރިއްޔާއިން ހަމަލާތައް ބަދަލުކުރަމުންދިޔަ ދަނޑިވަޅު ބޮލީވުޑްގެ ވަރަށް ގިނަ ފިލްމީ ތަރިން ދިޔައީ އިންޑިއާގެ އަސްކަރީ އޮފިސަރުންނަށް ތަރުހީބުދީ ސޯޝަލް މީޑިއާގައި އެކަމަށް އަޑުއުފުލަމުންނެވެ.

އާމިރު ޚާންގެ ޕްރޮޑަކްޝަން ކުންފުނިން ނެރުނު ސޯޝަލް މީޑިއާ ޕޯސްޓު--ފޮޓޯ/ފޭސްބުކް
ނަމަވެސް އެކްޓަރު އާމިރު ޚާން އަދި ސަލްމާން ޚާން ފަދަ ތަރިންގެ އަޑު ސޯޝަލް މީޑިއާގައި ވަނީ މަޑުވެފައެވެ. އާމިރުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޓްރެއިލާ ރިލީޒް ކުރުމުގެ އެއް ދުވަސް ކުރިން އެކްޓަރުގެ ޕްރޮޑަކްޝަން ކުންފުނިން ވަނީ "އޮޕަރޭޝަން ސިންދޫރު"ގައި ހަރަކާތްތެރިވި އަސްކަރީ އޮފިސަރުންނަށް ސެލިއުޓް ކުރާ ކަމަށާއި އެއީ ހީރޯއިން ކަމަށް ބުނެފައެވެ. ހަމައެއާއެކު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ވެސް އާމިރުގެ ޕްރޮޑަކްޝަން ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ޕޯސްޓާ އެކު މިއީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށާއި އާމިރުގެ ފިލްމު ބަލަން ނުދިއުމަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އަޑު އުފުލާފައެވެ. ހަމައެއާއެކު އާމިރުގެ ފިލްމަކީ ބޭރުގެ ފިލްމެއްގެ ކޮޕީއެއް ކަމަށާއި "އޮޕަރޭޝަން ސިންދޫރު" ކުރިއަށްދިޔަ ދުވަސްވަރު އާމިރު ހިމޭނުން ހުރިކަން އިންޑިއާގެ ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށް އެއް ބަޔަކު ވަނީ ބުނެފައެވެ.
ފިލްމު "ސިތާރޭ ޒަމީން ޕަރު" އަކީ އެންޓި ނެޝަނަލް މޫވީއެއް ކަމަށާއި ފިލްމު ބަލަން ހޭދަކުރާ ފައިސާ ކޮންމެވެސް އެހެން ކަމަކަށް ޚަރަދު ކުރުމަށް ވެސް އެއްބަޔަކު ވަނީ ގޮވާލާފައެވެ.
ގިނަ ބަޔަކު އާމިރުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" ބޮއިކޮޓް ކުރުމުގެ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ފަށާފައިވުމާ އެކު ފިލްމަށް ބޮކްސް އޮފީހުގައި ވާނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.