ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ދެ ފަނޑިޔާރަކު ވަކިކުރުމާ ގުޅިގެން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހުޅުވާލައިފިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑިއެއް ހުސްވީ، ޖޭއެސްސީގެ ލަފަޔަށް، ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރުމުންނެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި:
- މުސްލިމަކު ކަމުގައިވުމާއ،ި ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
- ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން
- ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއ،ް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން
- ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން
- އުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން
- އސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން
- ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން
ފަނޑިޔާރު ކަމަށް ސިޓީއާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ލިސްޓް
- ވަނަވަރު
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
- ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިން ޑޮކިއުމަންޓް
- ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ
- ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ
- އައިޑީ ކާޑުގެ ކޮޕީ
ސުޕްރީމް ކޯޓުގެ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނަނީ އަންނަ ބުރާސްފަތި ދަހުގެ 12:00ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ ޖޭއެސްސީގެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ މީހުން ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެއެވެ.

މި އަހަރު ފެށުނިއިރު ސުޕްރީމް ކޯޓުގެ ބެންޗު: އޭގެ ތެރެއިން އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވައި، ދެ ފަނޑިޔާރަކު ވަނީ މަގާމުން ވަކިކޮށްފައި --
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔަރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި ޑރ. މުހައްމަދު އިބްރާހީމާއި ޙުސައިން ޝަހީދެވެ. އޭގެ ތެރެއިން އުއްތަމަ ފަނޑިޔާރު ވަނީ ރިޓަޔާ ވުމަށް، މި މަހުގެ އަށް ވަނަ ދުވަހު ޖޭއެސްސީއަށް ސިޓީ ހުށަހަޅުއްވައިފައެވެ.
ޑރ. އަޒްމިރަލްދާއާއި މަހާޒު މަގާމުން ވަކިކުރީ، އެ ދެ ބޭފުޅުންނާއި މީގެ ކުރިން ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސްނުއްސުއޫދުގެ ޖިނާއީ މައްސަލައެއް ބަލާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގުމާ ގުޅިގެން މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ތިން ބޭފުޅުން ސަސްޕެންޑުކުރި ފަހުންނެވެ.
އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ ސުއޫދު އިސްތިއުފާ ދެއްވިއިރު އޭނާގެ ބަދަލުގައި ސުޕްރީމް ކޯޓަށް އައްޔަން ކުރި ބޭފުޅަކީ ޝަހީދެވެ.
ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒުގެ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ފާސްކުރީ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށެވެ. އެ މައްސަލަ މަޖިލީހަށް ފޮނުވުމާއެކު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ނިންމީ ޖޭއެސްސީގެ ނިންމުމާ އެއްގޮތަށެވެ. އެއީ ފަނޑިޔާރުންނަށް ޖަވާބުުދާރީވާން ފުރުސަތު ނުދީ، ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައެވެ.
ކޮމިޓީގެ އެ ނިންމުމާ ގުޅިގެން ބޭރުގެ ގާނޫނީ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ގޮވާލިއެވެ. އެހެންނަމަވެސް އެ ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދެ ފަނޑިޔާރުން ވަކިކުރީއެވެ.
އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން ދަނިކޮށެވެ. އެހެންވެ، ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން އެ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.