ބްރޯޑްކޮމްގެ މުވައްޒަފުންނާ ޒާތީވެ ނަފުސާނީ ގޮތުން ގޯނާ ކުރާކަމަށް ތުހުމަތުކޮށް މަޖިލީހަށް ޕެޓިޝަނެއް

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން--

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ 18 މުވައްޒަފެއްގެ ސޮޔާއެކުގައެވެ.

އޭގައިވަނީ ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އަދި އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، އެ ތަނުގެ ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންގެންދާ ކަމަށެވެ.

އޭގެ ތެރެއިން ފާހަގަކޮށްފައިވާ ބައެއް ކަންތައްތައް

  • މަސައްކަތް ކުރުމަށް އެކަށީގެންވާ ވަގުތު ނުދީ، މާލިއްޔަތު ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަން މުވައްޒަފުންނަށް މަޖުބޫރުކުރުން
  • އޯވަޓައިމް ފައިސާ ދެވެން ނެތްއިރު، އެކަށީގެންވާ ވަގުތު ނުދީ ހިނދުން ހިނދަށް މަސައްކަތް ނިންމުމަށް ޕްރެޝަރުކުރުން
  • ޖިންސީ ފުރައްސާރަ ލިބިގެން އެ ކަން ރިޕޯޓުކުރި މުވައްޒަފުގެ ޑިޕާޓްމަންޓް ބަދަލުކޮށް، އޭނާ މަސައްކަތުން އެކަހެރިކޮށް، ޑަބަލް ވިކްމިޓައިޒްކޮށްފައިވުން
  • ކޮމިޝަނުގެ އިއްތިފާގުން އައްޔަންކޮށްފައިވާ އިދާރީ ހިންގުމާ ހަވާލުވެ ހުރި އެންމެ އިސްފަރާތުގެ ގަދަރާއި ހައިބަތު ކުޑަވާގޮތަށް މުއާމަލާތު ކޮށްފައިވުން
  • ކޮމިޝަންގެ ދާއިމީ ކޮމިޓީ ތަކުން ނިންމާ ނިންމުންތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުން
  • ބައެއް މުވައްޒަފުންނަށް ދީފައިވާ އެކްސަސް ކަނޑާލައި، ޒާތީ މައުލޫމާތައް އެހެން މުވައްޒަފުންގެ ކުރިމަތީ ހާމަކުރުން އާންމުވުން
  • މުވައްޒަފަކަށް ކުޑައިމީސްކޮށް، މަލާމަތްކޮށް ވަކި މުވައްޒަފަކު ހުންނަ ގޮތަކުން އޭނާ ވަޒީފާ އިން ވަކި ކުރުމަށް ބޭނުންވާކަމަށް ބުނެއުޅުން
  • ކޮމިޝަންގެ ހިންގާ ގަވާއިދާ ހިލާފަށް، މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާ، ކަނޑައެޅިފައިވާ އިޖުރާތްތައް ފުރިހަމަ ނުކޮށް ވަކި މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެޗްއާރު ޕެނަލަށް އެންގުން
  • ސެކްރެޓަރީ ޖެނެރަލްއަށް އިހްތިރާމް ކުޑަކޮށް އޭނާގެ އިދާރީ މަސައްކަތްތަކާއި، އިދާރީ އޮނިގަނޑާ ޚިލާފަށް ފުށުއަރާގޮތަށް ސިޔާސީގޮތުން ނުފޫޒުފޯރުވުން
  • މުވައްޒަފުން ކުރަމުންގެންދާ މަސައްކަތުގެ އަގު ވަޒަން ނުކޮށް، ތަނުގެ ހިންގުމާއި މެދު ގޮތް ކިޔައި ބާރު ފޯރުވަމުން ގެންދިއުން

ކޮމިޝަނުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކޮމިޝަނަރުންގެ މެމްބަރުންގެ ފަރާތުން އެ ތަނުގެ މުވައްޒަފުންވަނީ އެ ކަންތައްތައް ހައްލުކޮށްދިނުމަށް އެދިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބްރޯޑްކާސްޓް ދާއިރާ ތަރައްގީ ކުރުމަށް ޕޮލިސީ ލެވެލްގައި ހަރުދަނާ މަސައްކަތްކުރުން
  • ނުފޫޒު ނުފޯރުވައި، ތަނުގެ ވެރިންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފުރުސަތު ދިނުން
  • ކޮމިޓީ ތަކުގައި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތައް ނިންމާ ނިންމުންތަކަށް އިހުތިރާމް ކުރުން
  • ރުޅިވެރިކަމާއި، ޒާތީ ވުމާއި މުވައްޒަފުންނާ ޖައްސާލުމާއި މުވައްޒަފުންނަށް ނަފްސާނީ ގޮތުން ކުރާ ގޯނާ ހުއްޓާލުން
  • މުވައްޒަފުން ލައްވައި އިތުރުގަޑީގައި ގޭގައި މަސައްކަތް ކުރުވާނަމަ އެ ކަމަށް ބޭނުންވާ ވަސީލަތްތައް ހުރިކަން ޔަގީންކޮށް، އެ ކަމަށް ދޭންވާ ހައްގު އުޖޫރަ ދެވޭނެކަން ކަށަވަރުކުރު ކުރުން
  • ރާއްޖޭގައި އަމަލުކުރަމުންދާ އެކިއެކި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ކޮމިޝަންގެ ރައީސާއި ނައިބު ރައީސާއި މެންބަރުން މިހާރަށްވުރެ ފުޅާކޮށް ހޭލުންތެރިވުން

އެ ޕެޓިޝަނުގައި އެދިފައިވަނީ މަޖިލީހުން މި ކަން ބަލައިދީ، ރަނގަޅު ހައްލުތަކެއް ގެނެސްދިނުމަށެވެ.

ބްރޯޑްކޮމްގެ ރައީސްގެ މަގާމުގައި މިވަގުތު ހުންނެވީ ޞަފާ ޝަފީޤެވެ. އަދި ކޮމިޝަންގައި ތިއްބަވަނީ ހަ މެމްބަރުންނެވެ.

comment ކޮމެންޓް