ޣައްޒާގެ ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި، އިޒްރޭލަ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިޒްރޭލުން ގައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ވަރުގަދަވަމުންދާއިރު، އެ އަނިޔާވެރިކަން ހުއްޓުވުމަށާއި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖޭގެ ފަރާތުން ގޮވާލާކަމަށެވެ.
ބައިނަލްއަގުވާމީ ގާނޫނީ އަދި އަޚުލާގީ ޒިންމާތަކާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމަށާއި، އިޒްރޭލުގެ އަމަލުތަކަށް އެ ގައުމު ޖަވާބުދާރީކުރުވުމަށް ރައީސްވަނީ ތަކުރާރުކޮށް ގޮވާލައްވައިފައެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވެސް މިރޭ ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ވަނީ، އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނާއި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ސީދާ ޚިލާފު އަމަލުތަކެއް ކަމަށެވެ.
"އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ކުރިއަށް ގެންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިސްރާއީލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލަމެވެ،" އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ، މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ހައްލެއް ލިބޭނީ 1967ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެންކަމުގައި ރާއްޖެއިންދެކޭކަމަށެވެ.
ބައިނަލްއަގުވާމީ އެކިއެކި ފޯރަމްތަކުގައި ވެސް ރާއްޖެއިން ދަނީ ފަލަސްތީނުގެ ދިފާއުގައި ވަކާލާތުކޮށް، އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް އެ ގައުމު ޖަވާބުދާރީ ކުރުމަށް ޓަކައި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލަމުންނެވެ.
އިސްރާއިލުންވަނީ މި ފަހުން ހަމަލާތައް ވަރުގަދަކޮށްފައެވެ. އެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް ފަލަސްތީނުގެ 143 މީހުން ޝަހީދުކޮށްލާފައިވެއެވެ.
އެ ލޭއޮހޮރުވުމާ އެކު، 2023ވަނަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 53،010 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އެ ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު 119،919އަށް އިތުރުވެފައިވާ ކަމަށް ވެސް ފަލަސްތީނުގެ ސިއްޙީ ވުޒާރާއިން ހާމަކުރެއެވެ. ހަމަލާތަކުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ވެސް މަރުވެފައިތިބި އެތައް ބަޔަކު ތިބޭނެ ކަމަށާއި އެއާއެކު، ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 61،700އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ފަލަސްތީނުން ހާމަކޮށްފައިވެއެވެ.