ދެމަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ކާބޯތަކެއްޗާއި އިންސާނީ އެހެނިހެން އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުން ހުއްޓުވާފައި ބޭއްވުމަށްފަހު، ކިރިޔާ ފުދޭވަރަށް ކާނާ ވެއްދުމުގެ ހުއްދަ ދީފާނެ ކަމަށް އިސްރާއީލުން އިއްޔެ ބުނެފިއެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަސާސީ މިންވަރަށް ޣައްޒާއަށް ކާނާ ވެއްދުން ހުއްދަ ދެނީ އަސްކަރިއްޔާއިން ދިން ލަފައަކާ އެއްގޮތަށް ކަމަށެވެ.
އިސްރާއީލުން ވަނީ މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހުއްޓުވާފައެވެ.
ކޮންމެވެސް ވަރަކަށް އެހީ ވައްދަން ހުއްދަ ދިނުމުން އިސްރާއީލުން ހޮނިހިރު ދުވަހު ފެށި އާ އަސްކަރީ އޮޕަރޭޝަން ފުޅާކުރެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ އެހީ ހަމާސްގެ މެމްބަރުންނަށް ނުލިބޭނެކަން ކަށަވަރުކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އާދީއްތަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 103 މީހުން ޝަހީދުކޮށްލާފައިވާއިރު، ބޮމުގެ ހަމަލާގެ ސަބަބުން ޣައްޒާގެ އުތުރުގެ މައި ހޮސްޕިޓަލް ބަންދުކުރަން މަޖުބޫރުވެފައިވާ ކަމަށް ޣައްޒާގެ ސިއްޚީ އިދާރާތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
ހަނގުރާމަ ހުއްޓާލުމަށް ޖެނުއަރީ މަހު އެއްބަސްވުމަށްފަހު، ދެ މަސް ދުވަސް ފަހުން މާޗު މަހު އަނެއްކާ ވެސް އިސްރާއީލުން ވަނީ ހަމަލާތައް ދޭން ފަށާފައެވެ. އެ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 3000 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ހަމާސްއިން ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ޝަރުތުކޮށް ހަނގުރާމަ މެދުކަނޑާލާނެ ކަމަށް އިސްރާއީލުން ބުނި ނަމަވެސް ހަމާސް ބަލިކޮށް ފަލަސްތީނު ރައްޔިތުން އެ ބިމުން ބޭރު ނުކުރެވެނީސް ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ވަނީ ވައުދުވެފައެވެ.
ޣައްޒާގައި މިހާރު ފަށާފައި ވަނީ ޣައްޒާއިން ހަމާސް ނައްތާލުމަށް ހިންގާ "ފަހު އޮޕަރޭޝަން" ކަމަށް އިސްރާއީލުން ބުނެއެވެ. މިދިޔަ ހަފްތާއިން ފެށިގެން ހަމަލާތައް ވަރުގަދަކޮށް އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ގިނަ އަދަދަކަށް ހިމެނެއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު ނުސީދާކޮށް ކުރާ މަޝްވަރާތައް ޤަޠަރުގައި މިހާރު ވެސް ކުރިއަށްއެބަދެއެވެ.