ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ނުވަނީ ދެން ވާނެގޮތަކާމެދު ހަމާސްއިން ބިރުގަންނާތީ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ގެޓީ

ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން އެއް ބަސް ނުވަނީ ހަމާސްގެ ބެލުމުގެ ދަށުގައިތިބި އިސްރާއީލުގެ އަސީރުން މިނިވަންކުރުމުން ދެން ވާނެ ގޮތަކާމެދު ބިރުންގަންނާތީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއެއްޖެއެވެ.

ހަމައެެހެންމެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ޒިންމާ އުފުލަން ޖެހޭނީ ވެސް ހަމާސްއިން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"މިހާރު އޮތީ އެންމެ ފަހުގެ އަސީރުން މިނިވަންކުރުން. އެ މީހުން މިނިވަންކުރުމުން ވާނެގޮތް ހަމާސްއަށް އެނގޭ." ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. " އަސްލު އެކަމުގެ ސަބަބުން އެ މީހުން ބޭނުމެއްނުވޭ އެއްބަސްވުމެއް ހަދާކަށް."

ހުކުރު ދުވަހު ވައިޓް ހައުސްގައި ޓްރަމްޕް ދެއްކެވި އެ ވާހަކަފުޅުން ދޭހަ ވަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލާނެކަން އިސްރާއީލާއި އެމެރިކާއިންވެސް ކަށަވަރަކޮށް ނުދޭނެކަން ކަމަށާއި، އޭގެބަދަލުގައި ބޭނުންވަނީ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމަށް ހަނގުރާމަ ކުރު މުއްދަތަކަށް ހުއްޓާލުން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ޝައުގުވެރިކަން ހަމާސްއިން ނުދައްކާ ކަމަށް ތުހުމަތުކޮށް އެމެރިކާއިން މަޝްވަރާތަކުގައި ބައިވެރިވުން މަދުކުރުމަންދާ ކަމަށް ޓްރަމްޕްގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފްވެސް ވަނީ ވިދާޅުވެފައެވެ.

އަދި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ މެދުވެރިއެއް ކަމަށްވާ، ޤަތަރުން އިސްރާއީލުގެ އޮފިޝަލުން އަނބުރާ ގެންގޮސްފައިވާ ކަމަށް އިސްރާއީލުން ވެސް ބުނެފައިވެއެވެ.

ހަމާސްއިން ބުނީ އެއްބަސްވުމަށް އައުމަށް އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި ހަމާސްއިން ވަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައެވެ.

އިސްރާއީލުގެ 10 އަސީރުން މިނިވަންކޮށް، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ 60 ދުވަހަށް މެދުކަނޑާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދާތާ މަސްތަކެއް ވެއްޖެއެވެ.

ނަމަވެސް 60 ދުވަހަށްފަހު، އަސީރުން މިނިވަން ކުރެވުމުން ހަމަލާތައް ފަށާނެ ކަމަށް އިސްރާއީލުގެ އޮފިޝަލުން ތަކުރާރުކޮށް ވަނީ ބުނެފައެވެ.

comment ކޮމެންޓް