އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލަން 25 ގައުމަކުން ގޮވާލައިފި

ބަނޑުހައިހޫނުކަމުގެ ތެރޭގައި ތިބި ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ މެދުތެރޭގެ ނޫސެއިރާތުގައި ކާބޯތަކެތީގެ ހޯދަން ގޮސް. ފޮޓޯ/ރޮއިޓާސް

އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލަން އިނގިރޭސިވިލާތާއި ފްރާންސް ހިމެނޭހެން 25 ގައުމަކުން ގޮވާލައިފިއެވެ.

ގައުމުތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާގެ އާންމުންނަށް ދިމާވެފައިވާ ތަކުލީފުތައް އިތުރުވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ އިސްރާއީލާއި ހަމާސްއިން މަޝްވަރާކޮށްގެން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސް، ހަމާސްއިން ހިފަހައްޓައިފައިވާ އިސްރާއީލުގެ މީހުން ދޫކޮށްލަން ގޮވާލައިފައެވެ.

ހަމައެއާއެކު، އެއްވެސް ޝަރުތަކާނުލައި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި، ކުޑަކުދިން ހިމެނޭ ގޮތަށް އެންމެ އަސާސީ ބޭނުންތައް ކަމަށްވާ ފެނާއި ކާނާ ހޯދުމަށް ދާ މީހުންނަށް ހަމަލާދީ މަރައިލުން އެ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

މިދިޔަ މެއި މަހުގެ ފަހުން، ޣައްޒާގައި ކާބޯތަކެތި ހޯދަން ގޮސް ތިއްބައި މަރާލި މީހުންގެ އަދަދު 875 އަށް އަރައިފައިވާ ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

"އިސްރާއީލު ސަރުކާރުން ފަށައިގެން އުޅޭ އެހީ ފޯރުކޮށްދިނުމުގެ ނިޒާމަކީ ނުރައްކާތެރި، ނުތަނަވަސްކަން އިތުރު، ޣައްޒާގެ ރައްޔިތުން އިންސާނީ ކަރާމާތުން މަހުރޫމްވާ ނިޒާމެއް. އިސްރާއީލު ސަރުކާރުން އާންމުނަށް ކޮންމެހެން ބޭނުންވާ އިންސާނީ އެހީތެރިކަން ދިނުމަށް އިންކާރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ދަށުން އިސްރާއީލަށް ލާޒިމުވާ ކަންކަން ފުރިހަމަ ކުރަން ޖެހޭނެ." ގައުމުތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ސަރަހައްދުގައި ސުލްހަ ގާއިމް ކުރުމަށް ގައުމުތަކުން ފިޔަވަޅު އަޅަން ތައްޔާރަށް ތިބި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލާއި ހަމާސްއިން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ބައިވެރިވި ނަމަވެސް މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައެއްނުވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރުމަކީ، ހަމާސް މަޝްވަރާތަކުގައި ބައިވެރިކުރުމަށް ޕްރެޝާ ކުރަން ކުރާ ކަމެއް ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

ޣައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ ރައްޔިތުން ބަނޑަށް ޖައްސައި އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާތަކެއް އިސްރާއީލުން ހިންގާތާ 21 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް ފަލަސްތީނުގެ 59،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް